24 Jan 2012, 21:18
ފުރިހަމަ ސިއްޙަތެއްގައި ދިގުއުމުރެއް ވޭތިކުރުމުގެ ފަހަތުގައި އެތައް ސިއްރެއްވާ އިރު ދުވާލަކު ބައިގަޑިއިރު ހިނގާލުމަކީ މީގެ އެއްސިއްރުކަމަށް ސައެންސްވެރިން ބުނެފި އެވެ.
އިންސާނުންގެ ސިއްޙަތާއި ހިނގުމުގެ ކަސްރަތާބެހޭގޮތުން ދިރާސާކުރާ ފަރާތްތަކުން އެފަރާތްތަކުގެ ދިރާސާތަކާއި ޢިލްމީ ބަހްސުތަކުގެ އަލީގައި ބުނަނީ ސިއްހަތަށް އެންމެ ފައިދާބޮޑީ ލުއިކަސްރަތު ރެގިއުލޭޓްކޮށް (ވަކި ގަވައިދެއްގެ ދަށުން) ކޮންމެދުވަހަކު ކުރަމުން ގެންދިޔުން ކަމުގަ އެވެ.
މިފަދަ ދިރާސާތައް ކުރަމުން ގެންދާ އެއްމަރުކަޒުކަމަށްވާ "ލަންޑަން ސްކޫލް އޮފް ޕާސަނަލް ހައިޖިން އެންޑް ޓްރޮޕިކަލް މެޑިސިން" ގެ ސައެންޓިސްޓެއް ކަމަށްވާ ޖޭމްސް ވުޑްކޮކް ވިދާޅުވިގޮތުގައި ހަށިގަނޑަށް ފައިދާހުރީ ހަމައެކަނި ބަރުކަސްރަތަކުން ނޫނެވެ. ހިނގުންފަދަ ލުއިކަސްރަތުގެ ފައިދާވެސް އިންތިހާއަށް ބޮޑެވެ. އަދި ގިނަޙާލަތްތަކުގައި ބަރުކަސްރަތަށްވުރެ ފައިދާ ބޮޑީ ލުއިކަސްރަތުކަން ދިރާސާތަކުންނާއި ސަރވޭތަކުން ހާމަވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ވުޑްކޮކް ވިދާޅުވިގޮތުގައި ލުއިކަސްރަތުގެ ފައިދާ އެންމެ އެދެވޭގޮތުގައި ކުރާނީ ކޮންމެ ދުވަހަކު ނޫނީ ހަފްތާއަކު 6 ދުވަހު ނުވަތަ 5 ދުވަހު ރެގިއުލޭޓްކޮށް މިކަސްރަތު ކޮށްގެންނެވެ.
ލުއިކަސްރަތުގެ ތެރޭގައި ހިނގުމާއި ބައިކަލް ދުއްވުމާއި ހެލިފެލިވާ ލުއިކުޅިވަރުތައް ކުޅުމާއި އާދައިގެ ވަރަކަށް ފެތުންފަދަ ކަންކަން ހިމެނޭއިރު މީގެތެރެއިން އިންސާނާގެ ހަށިގަނޑަށް އެންމެ ފައިދާބޮޑީ ހިނގުމުގެ ކަސްރަތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހިނގުމުގެ ކަސްރަތަށް ބަލާއިރު މަދުމިނަކީ ދުވާލަކު 15 މިނިއްޓާއި 20 މިނިއްޓާ ދެމެދުގެ ވަގުތަކަށް ހިނގުން ކަމަށާއި މެދުމިނަކީ ބައިގަޑީއިރާއި ގަޑިއެއްގެ އިރާދެމެދު ހިނގުން ކަމަށާއި ގިނަމިނަކީ އެއްގަޑީއިރާއި ދޮޅުގަޑީއިރާ ދެމެދު ހިނގުންކަމަށް ކަސްރަތުގެ ތަޖްރިބާކާރުން ބުނެއެވެ.
އިނގިރޭސިވިލާތުގެ ކެމްރިޖް ޔުނިވަރސިޓީއާއި ސްވިޑްންގެ ކެރޮލިންސާ އިންސްޓިޓިއުޓް ގުޅިގެންކޮށްފައިވާ ކަސްރަތާބެހޭ ދިރާސާއަކުން ހާމަވާގޮތުގައި ކޮންމެ ދުވަހަކު މަދުވެގެން ބައިގަޑީއިރު ހެލިފެލިވުމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް މަގުފަހިކޮށްދޭ އެއް ސިއްރެވެ. (ޔުނައިޓެޑް ޕްރެސް)