13 Dec 2020, 10:07
އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "މައިދާން" ރިލީޒްކުރާ ތާރީހް އިއުލާންކޮށްފި އެވެ.
ތިން ފަހަރެއްގެ މަތިން މި ފިލްމު ރިލީޒްކުރާ ދުވަސް ފަސްކުރި އިރު މި ފިލްމު މިހާރު އަޅުވާ ގޮތަށް އޮތީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ. މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ދެން ފިލްމު ފަސްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
ފިލްމުގައި އަޖޭ އާއެކު ފެނިގެންދާނެ އަންހެން ތަރިއަކީ ދެކުނު އިންޑިއާގެ ފިލްމީތަރި ޕްރިޔަމަނީ އެވެ. ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ އެ ފިލްމު ޑައިރެކްޓްކުރަނީ އަމިތު ޝަރުމާ އެވެ. މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޯނީ ކަޕޫރު، އަކާޝް ޗައުލާ އަދި އަރުނާވާ ޖޯއީ އެވެ.
ސިނަމާތަކުގައި ރިލީޒްކުރާ މި ފިލްމަކީ ހިންދީ، ތަމިލް، ތެލެގޫ އަދި މަލަޔާލަމް ބަހުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.