ކަންގަނާ ރަނައުތު ލީޑު ރޯލު ކުޅޭ ފިލްމު "ތަލައިވީ"ގެ ޝޫޓިން ނިންމާލައިފި އެވެ.

އެ ފިލްމު ކުޅެން ކަންގަނާ 20 ކިލޯ ބަރުކުރި އިރު މި ޕްރޮޖެކްޓް އޭނާ ސިފަކުރަނީ އެންމެ އުންމީދީ ޕްރޮޖެކްޓްގެ ގޮތުގަ އެވެ. ޝޫޓިން އެއްކޮށް ނިންމާލުމަށް ފަހު ކަންގަނާ ބުނީ މި ފިލްމުގެ ކެރެކްޓާއަށް ވަރަށް ބޮޑަށް ލޯބިޖެހުނު ކަމަށާއި އަދި ކެރެކްޓާއިން ނުކުމެވުމުން މަސްހުނި އިހުސާސްތަކެއް ކުރެވޭ ކަމަށެވެ.

ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އަލް ވިޖޭ ޑައިރެކްޓްކުރާ އެ ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެންދާނީ ޕްރަކާޝް ރާޖް، އަރްވިންދް ސްވާމީ އަދި ބަގްޔާޝްރީ އެވެ. މި ފިލްމު ރިލީޒްކުރާ ދުވަސް ހާމަނުކުރި ނަމަވެސް އަންނަ އަހަރު ފިލްމު ސިނަމާތަކަށް އަންނާނެ އެވެ.