ތެހެރާން (ޑިސެމްބަރު 13): އީރާނުގެ ސަރުކާރާ ދެކޮޅަށް 2017 ވަނަ އަހަރު ބޭއްވި މުޒާހަރާތަކަށް ހިތްވަރު ދިން ކަމަށް އެގައުމުން ބުނާ ނޫސްވެރިޔާ ރޫހުﷲ ޒަމްއަށް އެގައުމުން މަރުގެ އަދަބު ދީފި އެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި ޒަމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ އިއްޔެ އެވެ. އެއީ އާއްމު ގޮތެއްގައި ޖާސޫސު ކުރުން ނުވަތަ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި އެގައުމުން ކުރާ ދައުވާތަކެއް މިދިޔަ ޖޫން މަހު އޭނާގެ މައްޗަށް ސާބިތުވެ، މަރަން ހުކުމް ކުރުމުންނެވެ. އަދި މިދިޔަ އަންގާރަ ދުވަހު އީރާނުގެ ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓި ފަހުންނެވެ.

އީރާނުގައި 2009 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ބޭއްވި މުޒާހަރާތަކުގައި ޒަމް ބައިވެރިވުމުން އޭނާ އޭރު ކުޑަ ދުވަސްކޮޅަކަށް ޖަލަށްލި އެވެ. އެގައުމުގެ އޭރުގެ ރައީސް މަހުމޫދު އަހުމަދީނިޖާދު ކާމިޔާބު ކުރެއްވި އެ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތުތައް ފެންމަތިވެ، ހުޅަނގުގެ ގައުމުތަކުގެ ފާޑު ކިޔުން އޭރުގެ ސަރުކާރަށް އަމާޒުވި އެވެ.

އެ މުޒާހަރާތަކުގައި ޒަމް ހައްޔަރުކޮށް، ދޫކޮށްލި ފަހުން އޭނާ އަމިއްލައަށް އަރުވާލެވިގެން ފްރާންސުގައި ދިރިއުޅެން ފެށި އެވެ. އަދި އީރާނުގައި 2017 ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތައް ބާއްވާ ގަޑިތައް ފަދަ މައުލޫމާތާއި އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ބެހޭ މައުލޫމާތު އޭނާ ޓެލެގްރާމް ޗެނަލްއަކުން ހިއްސާ ކުރި އެވެ. އަދި އަމަދު ނޫސް ކިޔާ އެ ޗެނަލްގެ 'ފޮލޯވަރުން'ގެ އަދަދު އެއް މިލިއަނަށް ވުރެ އިތުރުވި އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޒަމް އަނބުރާ އީރާނަށް ގެންގޮސް، އޭނާ ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުން އިއުލާން ކުރި އެވެ. އަދި ގައުމުގެ އިގުތިސާދީ ނިޒާމަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމާއިި އެމެރިކާގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމާއި ފްރާންސުގެ ޖާސޫސީ އިދާރަތަކަށް މަސައްކަތްކޮށްދިނުމުގެ ތުހުމަތު ޒަމްގެ މައްޗަށް ކުރި އެވެ.

އީރާނުގައި ޑިސެމްބަރު 2017 ވަނަ އަހަރު މުޒާހަރާތައް ފެށުނީ އެގައުމުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގަ އެވެ. އެމުޒާހަރާތަކުގެ ބައިވެރިން ފުރަތަމަ ނުރުހުން ފާޅު ކުރީ ތަކެތީގެ އަގު އުފުލި، އިގުތިސާދު ހީނަރުވުމުންނެވެ. ނަމަވެސް ފަހުން މުޒާހަރާތައް ފުޅާވެ، ގައުމުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އާއި ރައީސް ހަސަން ރޫހާނީއާ ދެކޮޅަށް މީހުން އަޑު އުފުލަން ފެށި އެވެ. އަދި ޖެހިގެން އައި އަހަރުވެސް ކުރިއަށްގެންދިޔަ އެ މުޒާހަރާތަކަކީ 2009ގެ ފަހުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާތަކަށް ވެގެން ދިޔަ އެވެ.