އަންނަ އަހަރު މާޗު މަސް ތެރޭ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތުގައި އިންތިހާބު ބާއްވަން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލު އިންތިހާބުގެ ތައްޔާރީތަކާ ބެހޭގޮތުން ޝަރީފު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވާއިރު އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާއެކު ކުރިއަށް ދާން ގިނަ ތައްޔާރީތަކެއް ވާން ޖެހޭނެ ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކީ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލެވޭނީ ކިހިނެއްތޯ. ޕެންޑެމިކުގައި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ވޯޓުލެވޭނީ ކިހިނެއްތޯ." ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެންޑެމިކުގައިވިޔަސް ވޯޓުލާން ރެޖިސްޓްރީކޮށްފައި ތިބި އެންމެންނަށް ވޯޓުލެވޭނެ ގޮތް ހަމަޖައްސައި ދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ހަދާފައި އޮތް ގާނޫނަކުން ނުވަތަ ރެސްޓްރިކްޝަނަކުން ވޯޓުލާން ނުދެވޭ ކަމަށްވާނަމަ އެއީ ބަލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެޗްޕީއޭގެ އުސޫލެއްގެ ތެރެއިން ދިވެހިރާއްޖޭގެ އާންމު ރައްޔިތުންނަށް ގާނޫނުން ލިބިފައިވާ ވޯޓުލުމުގެ ހައްގު ވަކި ރެސްޓްރިކްޝަނެއް ކުރާ ކަމަށް ވާނަމަ އެބޭފުޅުން ހަމަޖައްސަވަން ޖެހޭނެ އެމީހުންނަށް ވޯޓު ލެވޭނެ ގޮތް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވިގޮތުން އެޗްޕީއޭއަށް އިލެކްޝަނުން ހުށަހަޅާނެ އޮޕްޝަނަކީ ކަރަންޓީނުގައި ތިބޭ މީހުން އިތުރު ސަލާމަތީ ފިޔަވަޅުތަކާއި އެކު ވޯޓު ފޮއްޓާއި ހަމައަށް ވޯޓުލާން ގެނައުމެވެ.

ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ދަތިތަކެއް

އެހެން އިންތިހާބުތަކާ ހިލާފަށް މިފަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނެތޯ މިހާރު އޮތީ ސުވާލު އުފެދިފަ އެވެ. އެފުރުސަތު ފަހިވާނެ ކަމެއް އީސީގެ ރައީސް ޝަރީފަށްވެސް ޔަގީނެއް ނޫނެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ހުއްދަ ދެއްވުމާއެކީގައި. ފޮރިން މިނިސްޓްރީ މެދުވެރިކޮށް މިހާރު އަޅުގަނޑުމެން އިއުލާނުކޮށްފައިވާ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓޭނެތޯ ނުވަތަ ނޫންތޯ. އެގައުމުގެ ސަރުކާރުން އަޅުގަނޑުމެން އޮޅުން ފިލުވާނަން"

އޭގެ އިތުރުން ޕެންޑެމިކް ތެރޭގައި ރިސޯޓުތަކުގައި ފޮށި ބެހެއްޓޭނެތޯވެސް ސުވާލު އުފެދޭ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ރިސޯޓުތަކުގެ ވެރިން އެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ބޭނުން ނުވާ ނަމަ އެކަމަށް މަޖުބޫރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް އެކަން ވެއްޖެ ނަމަ ރިސޯޓުތަކުގައި އުޅޭ ފަރާތްތަކަށް އެހެން ރަށަކަށްގޮސް ވޯޓުލުމުގެ ފުރުސަތު ތަވަސްކޮށްދޭން ޖެހޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ވޯޓު ކަރުދާސްކޮޅުން ބަލިފެތުރިދާނެ

ކޮވިޑް 19 ވައިރަހަކީ ބަލި ޖެހިފައި ހުރި މީހަކު އައްތަލާ އެއްޗެއްގައި އެހެން މީހަކު އަތްލައިފި ނަމަ ބަލި ފެތުރެން މަގުފަހިވާ ވައިރަހެކެވެ. އެގޮތުން ކައުންސިލު އިންތިހާބުގެ ވޯޓު ކަރުދާސްކޮޅަކީ ބަލި ފެތުރެން މަގުފަހިވާ އެއްޗަކަށް ވެދާނެ ކަމަށް އީސީގެ ރައީސް ވިދާޅުވި އެވެ.

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވޯޓު ކަރުދާސްކޮޅު. ކޮންމެ ވޯޓު ކަރުދާސްކޮޅެއްގައި އެތައް ބައިވަރު ބަޔަކު އަތްލާނެ. އަތްލާއިރުގާ އެ ވޯޓު ކަރުދާސްކޮޅު ވެދާނެ. އެއީ އެ ބަލި ޓްރާސްމިޓް ކުރާނެ ވަސީލަތަކަށް." ޝަރީފު ވިދާޅުވި އެވެ.

އެކަމަށް ސަލާމަތީ ފިޔަވަޅު އެޅުމައްޓަކައި ތައްޔާރުވާނެ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

އަނެއް ކަމަކީ ވޯޓުލާ ދުވަހުގެ ކުރީ ދުވަހު އިންތިހާބީ އޮފިޝަލުންތަކެއް ޕޮޒިޓިވްވެއްޖެ ނަމަ ދެން ހަދާނީ ކިހިނެތްތޯ އުފެދޭ ސުވާލެވެ. އެކަމަށް ތައްޔާރުވާން ޑަބަލްކޮށް އޮފިޝަލުންވެސް ނަގަން ޖެހޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.