14 Dec 2020, 09:55
ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން އޮތީ މިއަހަރުގެ އޭޕްރީލް މަހު އެވެ. ކޮވިޑް 19 އާ ގުޅިގެން އެއް އަަހަރު މުއްދަތަކަށް އިންތިހާބު ލަސްކުރީ ގިނަ ބަހުސްތަކަކަށް ފަހު ގާނޫނުއަސާސީއަށްވެސް ބަދަލުގެނެސްގެންނެވެ. އިންތިހާބު ލަސްކުރި ހާލަތު އަދިވެސް އޮތީ އެގޮތަށެވެ. ކޮވިޑް 19 އަކުން އަރައެއް ނުގެނެވެ އެވެ. ރާއްޖޭގައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަނީ މާޗު ހަވަނަ ދުވަހު އިންތިހާބު ބޭއްވޭތޯ އެވެ. ސުވާލަކީ އެއް އަހަރު ދުވަހަށް ލަސްކުރި އިންތިހާބު އެއް އަހަރު ފަހަނަ އަޅާ ދާ އިރުވެސް ބޭއްވޭނެ ހެއްޔެވެ؟
އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ހަމައެކަނި ކިޔަނީ ލަފާކުރާ ތާރީހުތަކެކެވެ. ސުވާލަކީ އިންތިހާބު ބޭއްވޭނީ ކޮން ދުވަހަކު ހެއްޔެވެ؟
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ އެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.
ފުރަތަމަ ކަމަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮއްވާ އިންތިހާބު ބޭއްވުމަކީ ދަތިކަމަކަށް ވާނެ ކަމަށް އީސީގެ ރައީސް ވިދާޅުވި އެވެ. ނުވަތަ މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިންވެސް ކެމްޕެއިނު ކުރުމަށާއި އިންތިހާބެއް ބާއްވަން ފުރިހަމަ ކުރުމަށް ގާނޫނު ލާޒިމު ކުރާ ހުރިހާ ކަމެއް ކުރަން ޖާގަ ދޭން ޖެހޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އެންމެ ލަސްވެގެން ފަހެއް ޖެނުއަރީގެ ކުރިން އަޅުގަނޑުމެންނަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް ކަމާބެހެ މުއައްސަސާއިން އިއުލާނު ކުރަން ޖެހޭނެ. ނުވަތަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާނުކުރަން ޖެހޭނެ." ޝަރީފު ވިދާޅުވި އެވެ.
ޖެނުއަރީ ފަހެއްގެ ކުރިން އެ ހުއްދަ ނުލިބޭނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ފަހެއް ޖެނުއަރީގެ ފަހުން "ހުއްދަ ދިނަސް އިންތިހާބު ނުބޭއްވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވިގޮތުން ކައުންސިލް އިންތިހާބު ބާއްވަން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ސަރުކާރުން ވަނީ ޔަގީންކަން ދީފަ އެވެ. އަދި ހެލްތް މިނިސްޓަރުވެސް އެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު ގާނޫނީ ޒިންމާއެއް އެއީ އިންތިހާބެއް އިއުލާނުކުރާއިރުގައި އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހަމަހަމަ ގޮތަކަށް ލިބިފައި އޮތްތޯ ނެތްތޯ އެއީ އަޅުގަނޑުމެން ޔަގީން ކުރަން ޖެހޭ ކަމެއް." ޝަރީފު ވިދާޅުވި އެވެ.
އިންތިހާބު ބާއްވަން އެޗްޕީއޭއިން ހުއްދަ ދިނުމާއެކު ކެމްޕެއިނު ކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮންނާނެތޯ ކަށަވަރު ކުރާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުން އެ ފުރުސަތު ނުލިބޭ ގޮތަށް އިންތިހާބު ބާއްވާކަށް އިއުލާނެއް ނުކުރާނެ އެވެ.

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑުމެން ކޮމިޝަނުން އިންތިހާބު ބާއްވަން އިއުލާނު ކުރާނީ މިފުރުސަތު [ކެމްޕެއިނު ކުރުމުގެ ފުރުސަތު] އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައި އޮންނަންޏާ." ޝަރީފު ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ކޮންމެ ސިޔާސީ ޕާޓީއަކަށް އަދި ކޮންމެ ކެންޑިޑޭޓަކަށް ލިބެން ޖެހޭނެ އެވެ. ޝަރީފު ވިދާޅުވީ އެ ފުރުސަތު ފަހިކޮށް ނުދީ އިންތިހާބު ބާއްވައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންތިހާބު ބާތިލު ކުރުމުގެ ފުރުސަތު ވާދަކުރާ ކެންޑިޑޭޓަކަށް ފަހިވެގެން ދާނެ ކަމަށެވެ. އަދި އެއީ އޭނާ ބޭނުންވާގޮތް ނޫން ކަމަށް ވިދާޅުވި އެވެ.
ހުރިހާ ހާލަތަކަށް ރިއާޔަތް ކުރާއިރުވެސް އިންތިހާބެއް ނުބޭއްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.
ކަނޑައެޅި ބަޖެޓް ދޭން ޖެހޭނެ
ލޯކަލް ކައުންސިލު އިންތިހާބު ބާއްވަން ދިމާވާ އަނެއް މައްސަލައަކީ އިންތިހާބަށް ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބަޖެޓުން 19 މިލިއަން މަޖިލީހުން ބަޖެޓް ފާސްކުރި އިރު ކަނޑާލާފައި އޮތުމެވެ. މިހާރު އިންތިހާބު ބާއްވަން ދީފައިވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
"މިހާރު ދައުލަތުން ކަނޑައަޅާފައި އޭންދަ ބެޖެޓުގައި އަޅުގަނޑުމެންނަކަށް އިންތިހާބެއް ނުބޭއްވޭނެ." ޝަރީފު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތްތަކާ ހަވާލާދީ ޝަރީފު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ބާވަން ބޭނުންވާނެ ބަޖެޓް ސަރުކާރުން ދޭނެ ކަމަށެވެ. އެއީ ކޮންޓިންޖެންސީ ތެރެއިންވެސް ކުރައްވާނެ ކަމެއް ކަމަށް ސަރުކާރުން ޔަގީންކަން ދީފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެން އިންތިހާބު ތަކާއި ހިލާފަށް ލޯކަލް ކައުންސިލު އިންތިހާބުގައި ހަރަދުތައް އިތުރުވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި އެއްކޮށް ބާއްވަން ޖެހުމަކީ އެއް ސަބަބެވެ. އަނެއް ކަމަކީ ގިނަ ވޯޓު ކަރުދާސްކޮޅުތަކެއް ހިމެނުމެވެ. އަދި ވޯޓުގެ ކަންކަމަށް ޑަބަލްކޮށް އޮފިސަރުން ނަަގަން ޖެހުމެވެ.
އޭގެ އިތުރުން ޕެންޑެމިކްގައި އިންތިހާބު ބާއްވަން ޖެހުމުން އޮފިސަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ގިނަ ކަންކަން ކުރަންވެސް ބޮޑެތި ހަރަދުތަކެއް ހިނގާނެކަން ޝަރީފު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން ބަޖެޓުކޮށްފައި ހުރި ހުރިހާ ފައިސާއަކީ އެއީ ހަރަދުކުރާނެ ފައިސާއެއް ނޫން. ވޭތުވެދިޔަ ތާގައި އިންތިހާބުތަކަށް ބަލާއިރު ހަރަދުކުރެވިފައި ހުންނަނީ އިންތިހާބަށް ދޭ ބަޖެޓުގެ 70 ޕަސެންޓު" ޝަރީފު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލު އިންތިހާބު ބާއްވަން ޖުމްލަ 71 މިލިއަނުގެ ބަޖެޓެއް ބޭނުންވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބަޖެޓު ދޭން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންނަށް އިންތިހާބު ބޭއްވުމަށްޓަކައި. އަޅުގަނޑުމެން ކަނޑައަޅާފައި އިން ބަޖެޓް ދެއްވަން ޖެހޭނެ އޭ."