މާފަންނު އީދު މިސްކިތް ކައިރީގައި ހުންނަ ސްޓާލިން ފްލާވާ ފިހާރައިގެ ބިއްލޫރިތައް ތަޅާލައިފި އެވެ.

މާވިއްކާ އެ ފިހާރައިގެ ބޭރުގައި ޖަހާފައި ހުރި ހަ ގަނޑު ބިއްލޫރި ތަޅާލާފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތު އެވެ.
މަންޒަރު ދުއްމީހުން ބުނީ ބިއްލޫރިތަށް ތަޅާލީ ދެ ސައިކަލެއްގައި އައި ތިން މީހަކު ލަކުޑި ބުރި ތަކެއް އެއްލައިގެން ކަމަށެވެ.

"އެމީހުން ދުއްވާފައި ދަމުން ތަޅާލާފައި އަވަސް އަވަހަށް ދިޔައީ. މަޑެއްވެސް ނުކުރޭ،" މަންޒަރު ދުއްމީހަކު ބުންޏެވެ.

ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ގިނަ ބަޔަކު އެއްވެފައިވާއިރު ބިއްލޫރިތައް ތަޅާލަން ބޭނުންކުރި ކަމަށް ބެލެވޭ ފޫޓެއް ހާތަން ހުރި ލަކުޑި ބުރިއެއް ފިހާރަކައިރިއަށް ވެއްޓިފައި އޮތެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަންފަށާފައިވާ ކަމަށެވެ.