12 Dec 2020, 21:49
އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގައުމީ ތަރައްގީގައި ބައިވެރިވާ އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަދި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެއް ކަމަށެވެ.
ގައުމުގެ ކުރިއެރުމާއި ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ގައުމީ ތަރައްގީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމަށެވެ.
އަދި މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ މީހުންނަކީ ވެސް މުޖުތަމައަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަދު ބިންގާ އެޅި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.
އަދި އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ހިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.