24 Jan 2012, 19:12
އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ކޮއްކޮ، އަޒްބާން ފަހުމީ ދިރިއުޅުއްވާ ގެއަށް ގުރޫޕަކުން ހަމަލާދީ އެ ގެއަށް ވަރަށް ބޮޑަށް ގެއްލުންދީފި އެވެ.
އަޒްބާން ވިދާޅުވީ މިއަދު ހަވީރު ހަތަރެއްޖަހާކަށް ހާއިރު އޭނާ ދިރިއުޅޭ މއ. އަކިރިފުއްޓައް ގްރޫޕަކުން ވަދެ ކުޑަ ދޮރުގެ ބިއްލޫރިތަކާއި ބިއްލޫރި ތަށިތަކަށާއި އައިސްއަލާމާރިޔާއި އަދި ޑީބޯޑަށް ބޮޑަތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. ގްރޫޕަކުން އެ ގެއަށް ވަދެ ހަމަލާ ދިން ވަގުތު ގޭގައި ތިބީ އަންހެނުންނާއި ދައްތަގެ ހަތަރު އަހަރައްދާ ދަރިކަމައްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދައްތަގެ ކުޑަ ދަރިފުޅަށް ފުރަތަމަ ފެނުނީ. އޭނަ ބިރުން މައްޗަށް އެރީ. އެ މީހުން [ހަމަލާ ދިން] މީހުން މީހުން ނައިގެނެއް ނޫޅެ. ގެޔަށް ވަދެފައި ޖެހި ޖެހީނުން ބިއްލޫރި ތަކާއި ތަށިތަކާ އެއްޗިހި ތެޅީ. އައިސް އަލަމާރީގެ ދޮރުގަވެސް ކޯރާޑިއަކުން ޖަހާފައި ހުރީ. ޑީބޯޑްގަވެސް ޖަހާފައި ހުރީ. އެމީހުން އެކަން ކޮށްފައި ނިކުމެގެން ދިޔައީ ކަމަށްވަނީ. އަޅުގަނޑު އޭރު ގެއަކު ނޫޅެން،" އަޒްބާން ވިދާޅުވި އެވެ.
ފުލުހުން ބުނީ އެގެއަށް ބަޔަކު ވަދެ ގެއްލުންދީފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަޒްބާން ވިދާޅުވީ އެ ހަމަލާގެ ސަބަބުން ދައްތަގެ ދަރުފުޅަށް ނަފްސާނީ ގޮތުން ގެއްލުންވެ ހުން އައިސްފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ދައްތަގެ ދަރިފުޅަށް ފުރަތަމަ ފެނުނީ އެމީހުން [ހަމަލާ ދިން މީހުން]. ދައްތަގެ ދަރިފުޅު އެއޮތީ ހުމާފިހިފައި،" އޭނާ ވިދާޅުވި އެވެ.
އެ ހަމަލާތަކަކީ މިހާރު އުފެދިގެން އުޅޭ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އޭނާ އާއި ކުރިމަތިވި ހަމަލާއެއް ކަމަށް ގަބޫލް ކުރައްވާކަމައްވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މިހާރު މިއުޅޭ ކަންތައްތަކާ ހުރެ ކުރި ކަމެއްކަމަށް އަޅުގަނޑަށް ބެލެވެނީ. އެ މައްސަލަ ފުލުހައްވެސް ހުށަހެޅި ބެލެމުން އެދަނީ،" އަޒްބާން ވިދާޅުވި އެވެ.
އަޒްބާންގެ ގެއަށް ގެއްލުންތަކެއް ދިން އިރު އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާ ކުރިމަތިލުމަކަށް ބަދަލުވެ ބޮޑަތި ތަޅާފޮޅުންތަކެއް ހިނގާ މީހުންނަށާއި ބައެއް ތަންތަނަށް ވަނީ ބޮޑަތި ގެއްލުންތަކެއް ދީފަ އެވެ.