12 Dec 2020, 12:55
އިނގިރޭސި ޕްރިމިއަރ ލީގު މިފަހަރު މެންޗެސްޓަރ ޔުނައިޓަޑަށް ކާމިޔާބު ކުރެވިދާނެކަމަށް ޔުނައިޓަޑްގެ ކޯޗް އުލޭ ގުނާ ސޯލްޝަރ ބުނެފިއެވެ.
މެންޗެސްޓަރ ސިޓީއާ ދެކޮޅަށް މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސޯލްޝަރ ބުނީ މިދިޔަ ތިން ސީޒަންގައިވެސް އެހެން ޓީމުތަކަށް ވުރެ މާ ކުރީގައި ދެ ޓީމެއް އުޅުނު ކަމުގައި ވިޔަސް، މިއަހަރުތެރޭ ޔުނައިޓަޑް ކުރިއަރާފައިވާކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ނަމަވެސް އަންނަ ސީޒަނަށް ވުރެ އަދިވެސް ބޮޑުތަން ރަނގަޅުކުރަން ޖެހޭ ކަމަށާއި، ނަމަވެސް މި ސީޒަންގައި ވަކި އެއްވެސް ޓީމަކަށް ކުރިއަރައިން ނުދެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ އިތުރުން ސޯލްޝަރ ބުނީ ޔުނައިޓަޑުގައި އަބަދުވެސް އަމާޒުކުރަން ޖެހޭނީ ތަށި ހާސިލް ކުރަން ކަމަށާއި، ކޮންމެ މެޗަކަށްވެސް ނިކުންނަނީ މޮޅުވާން އަމާޒުކޮށްގެން ކަމަށެވެ.
މެންޗެސްޓަރ ޔުނައިޓަޑަށް ލީގު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން އެ ޓީމުގެ ކޯޗަށް އޮތް ނަމަވެސް، އެ ޓީމް ވަނީ ޗެންޕިއަންސް ލީގުގައި ލައިޕްޒިގްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުން ބަލިވެ، އެ މުބާރާތުން ކަޓާފައެވެ. އަދި ޕްރިމިއަރ ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އެއް މެޗުނ އެއްވަރުވެފައިވާ ޔުނައިޓަޑް މިހާރު އޮތީ 19 ޕޮއިންޓާއެކު ލީގު ތާވަލްގެ ހަތް ވަނައިގައެވެ.
ޗެންޕިއަންސް ލީގުގައި ޔުނައިޓަޑްގެ ނާކާމިޔާބީގެ ސަބަބުން ސޯލްޝަރއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ލައިޕްޒިގްއާ ދެކޮޅަށް ކުޅެން އެރުވި ފުރަތަމަ އެގާރައާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައި ވާއިރު، އެ މެޗުގައި އޭނާ އެރުވި ޓީމް ބަލިކަށިކަމަށް ބައެއް ޔުނައިޓަޑްގެ ކުރީގެ ކުޅުންތެރިޔާ ޕޯލް ޕާކަރ ވަނީ ބުނެފައެވެ.