ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސް މިހާރު ހުންނެވީ އައްޑޫގަ އެވެ. އަދި އެމަނިކުފާނު ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީ ހުޅުމީދޫއަށްވެސް ވަޑައިގަންނަވާނެ އެވެ. އަދި ހުޅުމީދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރެއް އެޅުމުގެ ރަސްމިއްޔާތު އެމަނިކުފާނު އިފްތިތާހުކޮށްދެއްވާނެ އެވެ.

އައްޑުއަށް ފަހު މިއަދު އުފަން ރަށް ފުވައްމުލަކަށް ވަޑައިގެން، އެ ސިޓީގައި ވެމްކޯއިން ހިންގާ ވޭސްޓް ކަލެކްޝަން ސެންޓަރު ނައިބު ރައީސް ބައްލަވާލައްވާނެ އެވެ. އަދި ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލަން ވަޑައިގަންނަވާނެ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އެ ސިޓީގެ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލުކުރަންވެސް ހަމަޖެހިފައިވެ އެވެ.

ނައިބު ރައީސް އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މިއަދު ހަވީރެވެ.