12 Dec 2020, 11:25
ކަނޑުމަތީގައި އޮތް މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ، މ. ކޮޅުފުއްޓާ 26 މޭލު ބޭރުން ވިލާ ވާލި-13 ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު މިއަދު ހެނދުނު 9:00 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުންޏެވެ.
އެ ހާދިސާ ހިނގީ ޕެޓްރޯލު ހަމެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި ދޯނިން ޒަހަމްވި ތިން މީހުން ސީ އެމްބިއުލަންސްގައި މ. މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި ދޯނީގައި ރޯވި އަލިފާން ނިއްވާލީ ދޯނީގެ ފަޅުވެރިންނެވެ.