12 Dec 2020, 10:37
ވޮޝިންޓަން (ޑިސެމްބަރު 12) : އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބައޯއެންޓެކް ކުންފުނި ގުޅިގެން ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިން BNT162b2 ބޭނުންކުރުމުގެ ހުއްދަ އެމެރިކާއިން ދީފި އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ފައިޒާ ވެކްސިން އަށް ދިނީ ކުއްލި ހާލަތްތަކުގައި އެކަނި ބޭނުންކުރުމުގެ ހުއްދަ އެވެ. މިކަމާ ބެހޭ ގޮތުން އެފްޑީއޭގެ ކޮމިޝަނަރު ޑރ. ސްޓެފިން ހާން ނެރުއްވި ބަޔާނެއް ބުނާގޮތުން ފައިޒާ ވެކްސިން އަށް ދިނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދައެވެ.
އެ ބަޔާނުގައި އެފްޑީއޭގެ ވެކްސިން އާއި ބައިލޮޖިކަލް އުފެއްދުންތަކާބެހޭ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުން ބޭއްވި ބައްދަލުވުމެއްގައި ފައިޒާ ވެކްސިން ކުއްލި ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށް 21 މެންބަރުން ހިމެނޭ އެކޮމީޓީގެ 17 މެންބަރުން ވޯޓު ދެއްވިކަމަށް ބުނެފައިވެ އެވެ. ހުއްދަދިނީ ކޮވިޑްގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ފުނާއަށް ނުރައްކާވާ މިންވަރަށް އެބަލި ފެތުރި ކޮންޓްރޯލް ކުރަން ދަތިވާ މިންވަރަށް (ކުއްލި ހާލަތަށް) ގޮސްފައިވާތީ އެކަމަށް ރިޢާޔަތްކޮށްގެން ކަމަށް ވެސް ބުނެފައިވެ އެވެ.

ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިހާތަނަށް އިތުރު ތިންގައުމަކުން ދީފައިވެއެވެ. އެއީ އިނގިރޭސިވިލާތާއި ކެނެޑާ އަދި މެކްސިކޯ އިންނެވެ. ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދައިގެ ދަށުން އެމެރިކާގެ 16 އަހަރުނުވާ ކުޑަކުދިންގެ ގަޔަށް މިވެކްސިން ނުޖެހޭނެއެވެ.
އެމެރިކާއިން ފައިޒާ ވެކްސިންއަށް ހުއްދަ ދީފައި މިވަނީ އެމެރިކާގައި ކޮވިޑް -19 ޖެހިގެން މަރުވި މީހުންގެ އަދަދު ތިން ލައްކައަށް އަރަން ގާތްވެފައި ވަނިކޮށެވެ. ކޮވިޑް ޖެހިގެން އެމެރިކާގެ 296 ހާސް މީހުން މިހާތަނަށްވަނީ މަރުވެފައެވެ. އެމެރިކާއަކީ ދުނިޔޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑަށް ނާކާމިޔާބުވެފައިވާ ގައުމުކަމަށް ވާއިރު އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ކުރެވޭނީ އެމެރިކާގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ކޮވިޑް-19 އާ ދެކޮޅު ވެކްސިން ދީގެން ކަމަށް އެމެރިކާގެ އާންމު ސިއްހަތާބެހޭ އިދާރާގެ ވެރިޔާ ޑރ. އެންޓަނީ ފައުޗީ ވިދާޅުވެފައިވެއެވެ.
330 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާގެ 80 އިންސައްތަ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދެވޭވަރުވާނީ އަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށްވެސް ފައުޗީވަނީ ލަފާކުރައްވާފައެވެ. (އެމެރިކާގެ މީޑިއާ)