ވޮޝިންޓަން (ޑިސެމްބަރު 12) -- އެމެރިކާގެ ހަތަރު ސްޓޭޓެއްގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ޓެކްސަސްގެ އެޓާނީ ޖެނެރަލް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމުމުން ރިޔާސީ އިންތިހާބުގައި އެންމެ ފަހު ބަލިން ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިވެވަޑައިގެންފި އެވެ.

ޕެންސިލްވޭނިޔާ، ޖޯޖިޔާ، މިޝަގަން އަދި ވިސްކޮންސިން އިން ނެރެފައިވާ ރިޔާސީ އިންތިހާބުގެ ނަތީޖާތައް ބާތިލްކޮށްދިނުމަށް އެދި ޓެކްސަސްގެ އެޓާނީ ޖެނެރަލް އެމެރިކާގެ ފެޑްރަލް އެންމެމަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސްޕްރީމް ކޯޓުން ނިންމުމާއެކު ރިޔާސީ އިންތިހާބުގެ ނަތީޖާ ޓްރަމްޕްގެ ކޮޅަށް އަނބުރައިލެވޭނެ ކަމަށް ޓްރަމްޕާއި އޭނާގެ ކޭންޕުން ކުރި ފޮނި އުންމީދުތައް މިވަނީ ނާކާމިޔާބުވެ ވިއްސި ވިހާލިވެގެން ގޮސްފަ އެވެ.

ދައުވާއާ ގުޅޭ ހުއްޖަތް ދެއްކުމުގައި ޓެކްސަސްގެ އެޓާނީ ޖެނެރަލް ނާކާމިޔާބު

މި މައްސަލަ ބަލައިގަތުމަށް ދެކޮޅުހަދައި އެމެރިކާގެ ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިދައުވާ އަކީ ޕެންސިލްވޭނިޔާ، ޖޯޖިޔާ، މިޝަގަން އަދި ވިސްކޮންސިން ގެ އިންތިހާބުތަކުގެ ތެރެއަށް ވަނުންކަމަށާއި މި ސްޓޭޓްތަކުގެ އިންތިހާބުގެ ތެރެއަށް ވަނުމުގެ ހައްގާއި މަސްލަހަތު ޓެކްސަސްއަށް ލިބިދޭގޮތާއި އޭގެ ހެކި ޓެކްސަސް ގެ އެޓާނީ ޖެނެރަލް އަށް ދެއްކިފައިނުވާ ކަމަށެވެ.

އެމެރިކާގެ ސްޕްރީމް ކޯޓު

ޓެކްސަސް ގެ އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މި މައްސަލައަށް އިތުރު 18 ސްޓޭޓެއްގެ އެޓާނީ ޖެނެރަލް އިންވެސް ތާއީދުކޮށްފައިވެ އެވެ. އަދި އެމެރިކާގެ ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގައި ހިމެނޭ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ 126 މެންބަރަކުވެސް މި ހަތަރު ސްޓޭޓްގެ ނަތީޖާ ބާތިލް ކޮށްދިނުމަށް އެދި ހުށަހެޅި ދައުވާއަށް ތާއީދު ކުރައްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން އެއްވިސްނުމެއްގައި

މި ދައުވާ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އެކޯޓުގައި ހިމެނޭ ނުވަ ފަނޑިޔާރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ދެކޮޅު ހައްދަވާފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުގެ މިއަމުރާއެކު ރިޔާސީ އިންތިހާބާގުޅޭ މައްސަލައެއް އެމެރިކާގެ އެއްވެސް ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ޓްރަމްޕަށް އެއްކޮށް ގެއްލިގެން ދިޔައީ އެވެ.

އިލެކްޓޯރަލް ކޮލެޖުން މިމަހުގެ 14 ގައި ރަސްމީ ނަތީޖާ އިއުލާންކުރާނެ

މިއާއެކު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ފަރާތް ރަސްމީކޮށް އިއުލާނު ކުރުމަށް އިލެކްޓޯރަލް ކޮލެޖަށް ދެން އެއްވެސް ހުރަހެއް ނޯންނާނެ އެވެ. މިހާރު އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާއަށް ރިއާޔަތްކޮށް އިލެކްޓޯރަލް ކޮލެޖުން މިމަހުގެ 14 ވަނަދުވަހުގެ ވަގުތެއްގައި ރަސްމީ ނަތީޖާ އިއުލާން ކުރާނެ އެވެ.

ޕެންސިލްވޭނިޔާ، ޖޯޖިޔާ، މިޝަގަން އަދި ވިސްކޮންސިން އަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓްތަކެވެ. މި ފަހަރުގެ އިންތިހާބުގައި މި ސްޓޭޓްތައް ކާމިޔާބު ކުރެއްވުނުނަމަ ޓްރަމްޕަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީހެވެ. ޓްރަމްޕާއި އޭނާގެ ކޭންޕޭނާއި އަދި ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ހަރުކަށި ވިސްނުމުގެ މީހުން ތިބީ މި ހަތަރު ސްޓޭޓްގެ ނަތީޖާ ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމުގެ އިތުރުން މިމައްސަލަ ބެލުމަށްފަހު އަދި ނަތީޖާ ބާތިލްކުރާނެކަމުގެ އަމުރެއްވެސް ނެރޭނެކަމުގެ ބޮޑު އުންމީދެއްގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް "ވައިޖަހަން" ޓްރަމްޕް މަސައްކަތް ކުރެއްވި

މި އުންމީދު ހާމަކުރައްވައި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ސުޕްރީމް ކޯޓަކީ އެމެރިކާގެ ދުސްތޫރާ އެއްގޮތަށް ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭ ކޯޓެއްކަމާއި އެކޯޓުގެ ފަނޑިޔާރުންނަކީ އެކަމުގެ ހިތްވަރާއި، ފަންވަރާ އަދި ވިސްނުންހުރި ގާބިލްކަން ލިބިފައިވާ ބޭފުޅުންކަމަށް ވިދާޅުވެ ފަނޑިޔާރުންނަށް "ވައިޖަހަން" މަސައްކަތް ކުރައްވާފައިވެ އެވެ. އެމެރިކާގެ ސްޕްރީމް ކޯޓުގެ ނުވަ ފަނޑިޔުންގެ ތެރެއިން ހަ ފަނޑިޔާރުންނަކީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ގެންގުޅޭ ކޮންޒަވެޓިވް ފިކުރުގެ ބޭފުޅުންނެވެ. މީގެތެރެއިން ދެ ބޭފުޅަކީ ހުދު ޓްރަމްޕް އެގަމާމަށް އިހުތިޔާރު ކުރައްވައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ތާއީދާއެކު ސްޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ދެބޭފުޅުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ކަނޑައަޅަނީ ރައްޔިތުންގެ ވޯޓަކުންނޫން

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ކަނޑައަޅަނީ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. އިލެކްޓޯރަލް ކޮލެޖްގެ ވޯޓުންނެވެ. އިލެކްޓޯރަލް ވޯޓުގެ ވަގުތީ ނަތީޖާއަކީ ޓްރަމްޕަށް 232 ވޯޓު ޖޯބައިޑަން އަށް 306 ވޯޓެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ 270 ވޯޓު ލިބިގެންނެވެ. އިލެކްޓޯރަލް ކޮލެޖްގެ މެންބަރުން މިމަހުގެ 14 ވަނަދުވަހުގެ ވަގުތެއްގައި ބައްދަލުކުރައްވައި ރަސްމީ ނަތީޖާގެ ގޮތުގައި މި ނަތީޖާ އިއުލާނު ކުރައްވާނެ އެވެ. އެއަށްފަހު ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ނަތީޖާ ތަސްދީގު ކުރާނެ އެވެ. މިއާއެކު ރިޔާސީ އިންތިހާބުގައި ޓްރަމްޕް ބަލިވާގޮތަށް އިންތިހާބުގެ ހުރިހާ ކަމެއް ނިމުމަކަށް އައީ އެވެ. ބަލި ގަބޫލުކުރުން ނޫން އެހެން އެއްވެސް ގޮތެއް ޓްރަމްޕާއި އޭނާގެ ޓީމަށް އޭރުން އެ ނެތުނީ އެވެ. (ނޫސްއެޖެންސީތަށް)