އެމްޑީޕީގެ ފަންޑް ރެއިޒިން ކޮމެޓީ ކުރިން ޗެއާ ކުރެއްވި އަބްދުﷲ ޖާބިރު އެ ޕާޓީން ވަކިވެ ވަޑައިގަތުމަށް ފަހު، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި، ޓޫރިޒަމް ވިޔަފާރި ކުންފުނި، ޔޮޓް ޓުއާސްގެ މެނޭޖިން ޑިރެކްޓަރު ޖާބިރު ސަން އަށް މިއަދު ވިދާޅުވީ އޭނާ އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން ގަސްތު ކުރައްވައި ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް މާލެ އާއި އަތޮޅުތަކުގައި ފައްޓަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ފޯމްތަކާއި އެއްޗިހި ހަދައިގެން މާލެ އާއި އަތޮޅުތަކުގައި އެ މަސައްކަތް ފަށައިފިން. އެގޮތުން މާލޭގައި މިހާރު ވެސް އަޅުގަނޑުމެންގެ އޮފީސް ހ. ވިލަރެސްގައި އެއްބައި އެބަ ހިނގާ. ދުވަސްކޮޅެއް ނަގާނެ އަދި ކިރިޔާ މި ޑިސައިޑް މި ]އަދި މި ނިންމީ[ ކުރެވުނީ. އިރާދަކުރެއްވިޔާ ވަރަށް އަވަހަށް ޕާޓީ ވުޖޫދަށް އަންނާނެ،" ޖޭ ހޮޓަލްސްގެ ޗެއާމަންކަން ކުރައްވާ ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ ސިޔާސީ ޕްލެޓްފޯމެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރެވިގެން ކަމަށާއި ރައްޔިތުންގެ ފައިދާ އަށްޓަކައި ޒިންމާދާރުކޮށް މަސައްކަތް ކުރާނެ ޕާޓީއަކަށް ރާއްޖެ ބޭނުންވެފައި ވާތީ ކަމަށެވެ.

"އަޅުގަނޑު މިއުޅެނީ ސިޔާސީ ކަންކަމުގައި ފެށުނީއްސުރެ ވެސް. އެގޮތުން އަޅުގަނޑު މިއަދު މި މަސައްކަތައިގެން މި ނިކުތީ. އަޅުގަނޑާ ދިމާވާ އެންމެން ވެސް ވަރަށް ރަނގަޅު ކަމަށް ވިދާޅުވެ ސަޕޯޓް އެ ބަކުރައްވާ. އަޅުގަނޑަށް ޔަގީން ގިނަ ބަޔަކު ޕާޓީ އަށް ސޮއި ކުރާނެ ކަން،" ޖާބިރު ވިދާޅުވި އެވެ.

ޕާޓީ އަށް ކިޔާނެ ނަމާއި އަދި އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް މީޑިޔާ އަށް އާންމު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް 15 ސިޔާސީޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ.