11 Dec 2020, 22:16
މިއަދު ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވީ 18 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 18:00އިން މިއަދު 18:00 އަށް 2،358 ސާމްޕަލް ވަނީ ނަގާފަ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހުންނަކީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ އިއްޔެއާ އަޅާ ބަލާއިރު މަދު އަދަދެކެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވެފައިވަނީ 34 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 13،326 އަށް ވަނީ އަރާފައެވެ.
ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،640 އެވެ. އޭގެ ތެރެއިން މިއަދު ކޮވިޑް-19 ބަލިން ރަނގަޅު ވެފައިވަނީ 19 މީހުންނެވެ.
މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 48 އެވެ.