ރާއްޖެއިން 14 ދުވަހުގެ ތެރޭގައި ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމަށް ޗަނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސ،ް ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އެއީ ދެ ހަފްތާ ތެރޭގައި ޗައިނާގެ ބޭންކުތަކަށް ރާއްޖެއިން 15 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހިފައިވާ ކަމަށް ބުނެ ނަޝީދު ކުރެއްވި ޓްވީޓެކެވެ.

ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވަމުން ސަފީރު ލޮޖޮންގް ވިދާޅުވީ، ނަޝީދު ވިދާޅުވާ 15 މިލިއަން ޑޮލަރުގެ ޕޭމަންޓެއް 14 ދުވަހުގެ ތެރޭގައި ދައްކަން ނުޖެހޭ ކަމަށް ބޭންކުތަކުން ބުނެފައިވާ ކަމަށެވެ. އަދި އެކައުންޓް ފޮތް ބައްލަވައި އެ ފައިސާ ބަޖެޓުގެ ބޭނުންތަަކަށް ބަހައްޓަން އޭނާ އެދިވަޑައިގަތެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށާއި، އެއީ ކުރިއަށް އޮތް 14 ދުވަހު ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ އާންމުދަނީގެ 50 ޕަސެންޓު ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާއިން ނެގި ލޯނުތައް މި ސަރުކާރުގައި ދައްކަން ޖެހޭތީ ރާއްޖެ ދަރަނިވެރިވެ، ކޮވިޑް-19ގެ މި ހާލަތުގައި ބަޖެޓަށް ބުރަވެފައިވާކަމަށް ރައީސް ނަޝީދު މީގެ ކުރިންވެސް ވިދާޅުވެފައިވެ އެވެ. އެކަމާ ގުޅިގެން އެމަނިކުފާނު ޗައިނާއަށް ފާޑުވިދާޅުވާތީ އެމަނިކުފާނާ ސަފީރު ޒިޖޮންގްއާ ދެމެދު ބަހުގެ ހަމަލާތައް މީގެ ކުރިންވެސް ބަދަލުކޮށްފައިވެ އެވެ.