ދިވެހި ރާއްޖޭގެ 69 ވަނަ ގައުމީ ދުވަހު ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުރެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިވެހި ރާއްޖޭގެ ކޯޓުތަކުގެ މައްސަލަތައް ހުއްޓުމާ ބެހޭ ގޮތުން ދެއްކެވި ފާހަކަފުޅުތަކަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާ މެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފޭދޭނެ ފަދަ މޭރުމަކުން ދެއްކެވި ވާހަކަފުޅެއް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް ގައުމީ ޕާޓީއިން ބުނެފި އެވެ.

ގައުމީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައުމުގެ އެއްބައިވަންތަކަމާއި ގައުމިއްޔަތުގެ ބިންގާތައް ވަރުގަދަކޮށް ގައުމުގެ މަސްލަހަތާއި ސުލްހަވެރިކަމާއި އަމާންކަން ގާއިމްކުރުމަށް ކުރައްވާ މަސައްކަތްތަކާ މެދު އެއްޗެއް ވިދާޅު ވުމުގެ ބަދަލުގައި ގައުމު ސިޔާސީ ގޮތުން ބައިބައިކުރުމަށް މަގުފަހިވާ މޭރުމަކުން ވާހަކަދުޅު ދެއްކެވުމަކީ މުޅި ގައުމުގެ މަސައްލަހަތު ހިމާޔަތްކޮށް ނެގެހެއްޓުމަށް އެމަނިކުފާނު އިސްކަން ނުދެއްވާ ކަމުގެ ހެއްކެއް ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީ އާ ކަނޑައެޅިގެން ހިލާފަށް އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ އެންމެހައި މަސައްކަތްތައް ވަގުތުން ހުއްޓާލައި ރައްޔިތުން ބައިބައިކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނެސް ޤައުމީ އެއްބައިވަންތަކަމުގެ އާ މަސައްކަތްތަކެއް ފެށުމަށް ރައީސް ނަޝީދަށް ހަނދުމަފުޅުކޮށް ނަސޭހަތްތެރިވާ ކަމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އަދި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ކުރެވޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށާއި ލާދީނީ ސިޔާސަތުތައް ނިމުމަކަށް ގެނައުމާއި މުސްލިމުންނާ ގުޅުން ބަދަހިކޮށް ދިވެހި ރާއްޖެއަކީ އިސްލާމީ ނަމޫނާ ޑިމޮކްރަސީއަކަށް ހެދުމަށް ޒިންމާދާރުކަމާ އެކު މަސައްކަތްކުރުމަށް ވެސް އެ ބަޔާނުގައި ރައީސް ނަޝީދަށް ގޮވާލާފައިވެ އެވެ.