ކުރިއަށް އޮތް 14 ދުވަހު ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ އާމްދަނީގެ 50 ޕަސެންޓު ހަރަދު ކުރަން ޖެހޭނީ ޗައިނާއަށް ދައްކަން ޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާއިން ނެގި ލޯނުތައް މި ސަރުކާރުގައި ދައްކަން ޖެހޭތީ ރާއްޖެ ދަރަނިވެރިވެ، ކޮވިޑް-19ގެ މި ހާލަތުގައި ބަޖެޓަށް ބުރަވެފައިވާކަމަށް ރައީސް ނަޝީދު މީގެ ކުރިންވެސް ވިދާޅުވެފައިވެ އެވެ. އެކަމާ ގުޅިގެން އެމަނިކުފާނު ޗައިނާއަށް ފާޑުވެސް ވިދާޅުވެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށެވެ. އެ ބޭންކުތަކުން އަދި މިހާތަނަށް ލޯނުތަކަށް އެއްވެސް ލުޔެއް ދީފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، 15 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އެއީ ކުރިއަށް އޮތް 14 ދުވަހު ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ އާންމުދަނީގެ 50 ޕަސެންޓު ކަމަށެވެ. ކޮވިޑް-19އަށް ފަހު ރާއްޖެއަށް ލޯނުތައް ދެއްކުމުން ލުޔެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެ ބަޖެޓުގައި ދައުލަތަށް ލިބޭނެ އާމްދަނީގެ 53 ޕަސެންޓު ހޭދަވާނީ ދަރަނި އަދާކުރަން ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަޝީދު ވިދާޅުވީ ދަރަނީގެ 80 ޕަސެންޓަކީ ޗައިނާއިން ނަގާފައިވާ ދަރަނި ކަމަށެވެ. އަދި "މާމަމެންގެ ފައްޓަރުބައި" ވިއްކާލައިގެންވެސް ދަރަނި އަދާ ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ 53 ޕަސެންޓު ދަރަނި އަދާކުރަން ހޭދަވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، ބަޖެޓުގައި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރަން ކަނޑައަޅާފައިވަނީ އާމްދަނީގެ 22 ޕަސެންޓެވެ.

ކުރީ ސަރުކާރުގައި ޗައިނާއިން ނެގި ލޯނުތަކުން ގައުމު ދަރަނިވެރިވާ ކަމަށް ނަޝީދު ވިދާޅުވާ އިރު، ރައީސް ސޯލިހުގެ ސަރުކާރުގައި އިންޑިއާއިން ބޮޑެތި ލޯނުތައް ނަގާފައިވުމުން އެކަމުން ގައުމު ދަރަނިވެރިވެފައިވާ ކަމަށް އިދިކޮޅުން ބުނެ އެވެ.