11 Dec 2020, 14:02
މުޅި ދުވަހު މަގުތަކުގައި ކުނި ކޮތަޅުތައް ހުންނަ މައްސަލައަށް ހައްލު ގެނައުމަށްޓަަކައި، މާލެ ސަރަހައްދުގެ ގޭބީސީތަކުން ދަންވަރު ކުނި ނެރެން ޖެހޭގޮތަށް ހަދަން ނިންމައިފިއެވެ.
ކޮވިޑް19 އާ ގުޅިގެން ގޭގެގައި އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާއި 2:00 ދެމެދު ގޭގޭގެ ތިރިއަށް ބާލާފައި ބެހެއްޓުމަށް ވެމްކޯ އިން ވަނީ އަންގައިފައެވެ.
ނަމަވެސް ކުނިތައް ނުނެގި ގިނަ އިރުތަކެއް ވަންދެން މަގުތަކުގައި ހުންނަ މައްސަލަ ވަނީ ބޮޑުވެފައެވެ. މަގުތަކުގައި ގިނަ އިރު ވަންދެން ކުނިތައް ހުރުމުގެ ސަބަބުން މަގުތަކުގައި ވަސް ދުވައި، ބުޅާތައް ކޮތަޅު ހާވައި މަގުތަކަށް ކުނި އެޅޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ ކުނި ކޮތަޅުތައް މަގުތަކުގައި މުޅި ދުވަހު އޮންނަ އޮތުން ބަދަލުކޮށް ފަތިސް ވަގުތަށް މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލާއި ވެމްކޯއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު ޝަތުފާ ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ މިހާރު އެކަމުގެ މަޝްވަރާތައް ނިމި، ދަންވަރު ކުނި ނެރެން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މެންދުރު ކުނި ނެރުމުން، މުޅި ދުވަހު މަގުތަކުގައި ކުނި ހުންނަ ކަމަށާއި، ރޭގަނޑު ކުނި ނެރުމުން ފަތިސް ވާން ވާއިރަށް ކުނި ނަގާ ނިމި، ދުވާލު ވަގުތުގައި މަގުތައް ސާފުކޮށް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަތުފާ ވިދާޅުވީ ކުނި ނެރެން ޖެހޭނެ ގަޑިއާއި، އެކަމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.