ރާއްޖޭގައި ހޭދަކޮށްލެވުނު ކުރު ޗުއްޓީ އަކީ ހުވަފެނެއް ކަހަލަ ކަމެއްކަމަށް “ހޭޓް ސްޓޯރީ 3” ގައި ހަރަކާތްތެރިވި ބޮލީވުޑްގެ ބަތަލާ ޑެއިޒީ ޝާހު ބުނެފިއެވެ.

މީގެ ފަސް ދުވަސް ކުރިން ބަތަލާ ޑެއިޒީ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓްގައެވެ. ޗުއްޓީ ނިންމާލުމަށްފަހު އެނބުރި އިންޑިއާއަށް ދިޔުމުގެ ކުރިން ބަތަލާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށާއި މި ޗުއްޓީ އަކީ ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔަ ޗުއްޓީ އެއް ކަމަަށެވެ. އެ ވީޑިއޯގައި އޭނާ ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

ޑެއިޒީގެ އިންސްޓަގްރާމްގައި ވަނީ ރާއްޖޭގައި ނަފާފައިވާ ހިތްގައިމު ރީތި ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރާ ޑެއިޒީ ބޮލީވުޑަށް ތައާރަފްވީ 2014 ވަނަ އަހަރު ނުކުތް ސަލްމާން ޚާންގެ “ޖޭ ހޯ” އިންނެވެ.