11 Dec 2020, 12:30
މި މަހުގެ 16ގެ ކުރިން އެއްލައްކަ ފަތުރުވެރިން ގެނައުމަށް ހިފާފައިވާ އަމާޒު މާދަމާ ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ބޯޑަރު އަލުން ހުޅުވާލި ދުވަހުން ފެށިގެން ޑިސެމްބަރު ނުވަވަނަ ދުވަހާ ހަމައަށް 94،543 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ތާރީހީ ދުވަހަކަށް ވާނެ ކަމަށެވެ.
"ބޯޑަރު އަލުން ހުޅުވިފަހުން އަންނަ އެއްލައްކަވަނަ ފަތުރުވެރިޔާއަށް މާދަމާ ހެނދުނު އަޅުގަނޑުމެން މަރުހަބާ ކިޔާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން އަމާޒު ހިފާފައި އޮތީ ބޯޑަރު ހުޅުވާލުމަށްފަހު 100،000 ޓޫރިސްޓުން ގެނައުމަށެވެ. އެ އަމާޒު މި މަހުގެ 16ގެ ނިޔަލަށް ހާސިލްވާނެ ކަމަށް މިނިސްޓަރު މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނީ ރަޝިއާއިންނެވެ. ބޯޑަރު ހުޅުވާލިފަހުން ރަޝިއާ އިން އައި ޓޫރިސްތުންގެ ޖުމްލަ އަކީ 20،264 އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ. އިންޑިއާ އިން އައި ޓޫރިސްތުންގެ ޖުމްލަ އަކީ 13،801 އެވެ. ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްތުން އައި އިނގިރޭސިވިލާތުން 8،200 ޓޫރިސްޓުން އައިސްފައިވެއެވެ.
މިވަގުތު ރާއްޖޭގައ ޖުމްލަ 407 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ 135 މެރީނާ/ރިސޯޓްގެ އިތުރުން ފަސް ހޮޓެލް، 124 ސަފާރީ އަދި 148 ގެސްޓްހައުސް އެވެ. މިއީ ޖުމްލަ 36،750 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.
މިއަހަރުގެ މިހާތަނަށް 477،390 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަހަރުގެ ނިޔަލަށް 500،000 ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާފައިވާއިރު މި އަމާޒު މިމަހުގެ 25ގެ ނިޔަަލަށް ހާސިލްވާނެ ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ.
ބޯޑަރު ހުޅުވާލި ފަހުން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު މަހުން މަހަށް ދަނީ އިތުރުވަމުންނެވެ. މިވަގުތު 20 އަށްވުރެ ގިނަ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރެއެވެ.
ޑިސެމްބަރު މަހުގެ ފުރަތަމަ ހަތްދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 14،000 އަށްވުރެ އިތުރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހު 3,006 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީ ކޮވިޑުގެ ބަލިމަޑުކަމާހުރެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.