ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ޕާޓިސިޕޭޝަން ޕްރޮގްރާމްގެ ދަށުން އެ އޯގަނައިޒޭޝަންގެ މެންބަރު ގައުމުތަކަށް އެ އޯގަނައިޒޭޝަންގެ ލަނޑުދަނޑިތަކާ ގުޅޭ ރޮނގުތަކަކުން އެހީވެދިނުމަށް، ދިވެހި ރާއްޖެ އިން 10 ޕްރޮޖެކްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ ޔުނެސްކޯ ނެޝަނަލް ކޮމިޝަން އިން ބުނި ގޮތުގައި އެ ފުރުސަތުގެ ދަށުން ޕްރޮޖެކްޓް ހުށަހެޅޭނީ ޔުނެސްކޯގެ މެންޑޭޓް ކަމަށްވާ އެޑިއުކޭޝަނުންނާއި ނެޗުރަލް ސައިންސުންނާއި ޝޯޝަލް އެންޑް ހިއުމަން ސައިންސުންނާއި ކަލްޗާ އަދި ކޮމިއުނިކޭޝަންގެ ދާއިރާތަކުން ހަރަކާތްތައް ހިންގުމަށް ކަމަށެވެ. އަދި އޭގެ އިތުރުން ޒުވާނުންގެ ކުރިއެރުމަށާއި ޖެންޑަރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ޔުނެސްކޯ ނެޝަނަލް ކޮމިޝަން އިން މައުލޫމާތު ދިނެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ރާއްޖޭގައި ޔުނެސްކޯގެ މަސައްކަތާ ގުޅުން ހުރި ވަރަށް ގިނަ އޮފީސްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެހެން ކަމުން އެ ހުރިހާ ފަރާތްތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ޕްރޮޖެކްޓެއް ވެސް 10،000 އެމެރިކާ ޑޮލަރު (154200ރ.) އަށްވުރެ އިތުރު ނުކުރެއްވުން އެދޭ ކަމަށެވެ.

އަދި އެ ޕްރޮގްރާމުގެ ދަށުން އެހީ ހޯއްދަވަން ގަސްދުކުރައްވާ ނަމަ އެކަމަށް ހުށަހަޅަން ޖެހޭ ފޯމް ފުރިހަމަކުރެއްވުމަށް ފަހު މިއަންނަ މަހުގެ 16 ވަނަ ދުވަހު ސަރުކާރު ބަންދުވުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށާއި ޕްރޮޕޯސަލްތައް ހޮވާނީ އެކަމަށް ކަނޑައެޅޭ ޕެނަލަކުން ކަމަށް އެ ކޮމިޝަނުން ވިދާޅުވި އެވެ.

ޔުނެސްކޯ އިން ދެއްވާ އެ ފުރުސަތަކީ ކޮންމެ ދެއަހަރަކުން އެއްފަހަރު ޕެރިހުގައި ހުންނަ ޔުނެސްކޯގެ ހެޑްކުއާޓާސް އިން ދެއްވާ ފުރުސަތެކެވެ.