10 Dec 2020, 22:13
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19އަށް އިތުރު 34 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ 18:00އިން މިއަދު 18:00 އަށް 2058 ސާމްޕަލް ވަނީ ނަގާފަ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހުންނަކީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅު ތެރެއިން ފެނުނު ނުވަ ކޭސް އަކާއި ރިސޯޓުތަކުން ފެނުނު އަށް ކޭސް ވެސް ހިމެނެއެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެއާ އަޅާ ބަލާއިރު ގިނައެވެ. އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 26 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 13،308 އަށް ވަނީ އަރާފައެވެ.
ކޮވިޑް-19 ޖެހި އެ ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،621 އެވެ. އޭގެ ތެރެއިން މިއަދު ކޮވިޑް-19 ބަލިން ރަނގަޅު ވެފައިވަނީ 30 މީހުންނެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 633 މީހެކެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 66 މީހަކަށެވެ.
މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 47 އެވެ.