10 Dec 2020, 22:02
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ދޭ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ގޮތްތަކެއް ކަނޑައަޅުއްވައިފިއެވެ.
އެމަނިކުފާނު އެގޮތްތައް ކަނޑައަޅުއްވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގައި، ނިޒާމުގައި ހުރި ދަތިކަން ހައްލުކުރުމަށް އަމާޒުކޮށް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އަދި މިނިސްޓްރީގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ނޭޝަނަލް ޑްރަގް އެޖެންސީއާއި ފުލުހުންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ނައިބު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެންމެ އެކަށޭނަ ގޮތެއްގައި ފަރުވާދީ، ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެމީހުން އަނބުރާ މުޖުތަމައަށް ވާސިލްކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
އަދި ފަރުވާގެ ނިޒާމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރައްވައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކުރެވޭ ފަރާތްތަކަށް ފަރުވާދެވޭނެ އަވަސް ގޮތްތަކެއް ކަނޑައަޅުއްވައި ދެއްވިއެވެ.
އެގޮތުން އެ މަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ގުޅީފަޅުގައި ވަގުތީގޮތުން ގާއިމްކުރެވޭ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، އެކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ކުރިމަތިވި ބައެއް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާފައެވެ.
އޭގެ އިތުރުން ނައިބު ރައީސް ވަނީ 2021 ވަނަ އަހަރަށް ބަޖެޓު ކުރެވިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރުގެ މަސައްކަތް ކުރިއަށްދާގޮތުގެ މައުލޫމާތުވެސް އޮޅުންފިލުއްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އެ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމިގެން ދިއުމުން، ރިމާންޑުގެ އިތުރުން ހިމެނޭ ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާ އަދި އާފްޓާ ކެއާގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގައި ވިދާޅުވިއެވެ.
އަދި އެއާއެކު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވޭ ފަރާތްތައް، ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް އަމާޒުކޮށް އެކި އިދާރާތަކުން ރާވާފައިވާ ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގޭނެ ދާއިމީ ނިޒާމެއް ބިނާކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެފަދަ ފަރާތްތައް އަނބުރާ މުޖުތަމައާ ގުޅިގެންދާނީ ޒިންމާދާރު އަދި ހަރުދަނާ ފަރުދުންތަކެއްގެ ގޮތުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެ ނިޒާމު ފަރުމާކޮށްފައިވަނީ މަސްތުވާތަކެތީގެ ފަރުވާއަށްފަހު އެފަރާތްތައް އަނބުރާ މުޖުތަމައަށް ނުކުތުމުގެ ކުރިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ތެރެއިން ތަމްރީނާއި ވަޒީފާގެ ފުރުސަތުތައްވެސް ފަހިކޮށްދީ، އެފަރާތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒު ހިފައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.