10 Dec 2020, 20:24
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވައު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަދު މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި އާއިލާތައް ތިބީ ހިތްދަތިކަމާއި މާޔޫސްކަންމަތީގައި ކަމަށެވެ.
އެގޮތުން މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި، މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހުމާއި، އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން، ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރި އާއިލާތައް ނިކަމެތިވެ ކަންމަތީ ފިހާރަތަކަށް ދަރަނިވެރި ވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އަދި މަސްވެރި އާއިލާތަކާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސްވެރިންގެ އެހީތެރިކަންލިބޭ ދިވެހި އެތައް އާއިލާތަކެއް ނިކަމެތިވެ ހާލުގައި ޖެހިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށާއި، މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ކަމުގެ ވައުދާއެކު މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް، ސަރުކާރަށް ދެ އަހަރު ވީއިރު މަސްވެރިން އިތުރަށް ނިކަމެތިވެފައިވާ ކަމަށް އިިކޮޅުން ބުންޏެވެ.
"ގޭދޮށު މަސްފެކްޓްރީއެއް އަދި ނެތެވެ. މަސްވެރިންގެ ޕްލެޓްފޯމް ގާއިމްކުރެވޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތެވެ. މިއަދު ފެންނަމުންދަނީ މަސްވެރިންގެ މިންނަތް މަސައްކަތުން ބިނާކުރި މަސްވެރިކަމުގެ ސިނާއަތާއި އަދި އެހެނިހެން ހުރިހާ ކަމެއް ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ބޮއްސުންލައިގެން ގޮސް ފެއިލްވެފައިވާ މަންޒަރެވެ." އިދިކޮޅުން ބުންޏެވެ.
އެހެންކަމުން މަސްވެރިންގެ ހައްގު ހޯދުމަށާއި މަހަށް ހަމައަގު ހޯދުމަށް މިއަދު ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިންނާއި ޖުމްލަކޮށް ހުރިހާ މަސްވެރިންނާއި އެގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަ ދިނުމަށް ސަރުކާރަށް އިލްތިމާސްކުރާ ކަމަށް ބަޔާނުގައިވެއެވެ.
އަދި ހުސް ވާހަކަ ދެއްކުމުގެ ބަދަލުގައި މަސްވެރިންގެ ޝަކުވާތައް އަޑުއަހާ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުން އަވަސް ކުރުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.