10 Dec 2020, 20:22
ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ލ. މާންދޫގައި ހިންގާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިއަދު މާންދޫއަށް މަސްކިރަން ދިޔަ ދޯނިތަކުގެ މަސްވެރިންނަށް ވައިފުޅި އަޅައިގެން ފީނުމާ ގުޅޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނުން ފަށައިގެން މާންދޫގައި ކުރިއަށްގެންދިޔަ ހަރަކާތުގައި މަސްވެރިންނަށް މައުލޫމާތު ދެއްވީ އެމްއެންޑީއެފްގެ ސެންޓަރަލް އޭރިޔާގެ ސިފައިންނާއި ސައުތު ސެންޓަރަލް ޕޮލިސް ޑިވިޝަންގެ ފުލުހުންގެ ތެރެއިން ތަޖުރިބާކާރު ބޭފުޅުންނެވެ.
އެ ބޭފުޅުން ވަނީ ފީނަން ރައްކާތެރި ފުންމިންތަކާއި، ފީނާއިރު އަމަލު ކުރާނެގޮތާއި، ސަމާލުކަން ބަހައްޓަން ޖެހޭ ކަންކަމާއި، ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެެ ކަންތައްތަކާ ބެހޭ މައުލޫމާތު މަސްވެރިންނަށް ފޯރުކޮށްދީފައިވެއެވެ.

މިއަދު މާންދޫގައި މަސްވެރިންގެ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ/ ހުސެއިން ހަބީބު
އެން ހިފަން ވައިފުޅި އަޅައިގެން ފީނުމުގެ ތެރޭގައި މަސްވެރިން ޑީކޯ ވުމުގެ މައްސަލަތައް ދެކުނުގެ އަތޮޅުތަކުގައި ގިނަ އެވެ. ޑީކޯވުމުގެ ސަބަބުން ބައެއް މަސްވެރިން މަރުވާއިރު، ސަލާމްވާ މީހުން ޕެރަލައިޒްވުން ފަދަ ޖިސްމާނީ ބޮޑެތި ގެއްލުންތަކެއްވެ އެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން މިއަދު މާންދޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން ބޮޑެތި ޑިސްކައުންޓުތަކާއެކު މަސްވެރިކަމުގެ ބައެއް ސާމާނު ވަނީ މަސްވެރިންނަށް ވިއްކައިފަ އެވެ. އަދި މަސްކިރުވި ދޯނިފަހަރަށް ރަމްޒީ ހަދިޔާއެއްވެސް މާންދޫން ދީފައިވެއެވެ.