10 Dec 2020, 19:27
ކޮވިޑް19ގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، އެންމެ އިސް ސިޔާސަތަކަށްވާނީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ހައްގުތައް، އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު ޕަސެންޓޭޖެއް އިންސާނީ އެތައް ހައްގަކުން މަހްރޫމްވެފައިވާ ކަމަށެވެ.
އެގޮތުން ރަނގަޅު ކާނާއާއި ސާފު ބޯފެން ލިބުމާއި، ބޭސްފަރުވާ ކުރުންފަދަ، ދިރިހުރުމުގެ ހައްގާ ގުޅިފައިވާ އިންސާނީ ހައްގުތަކުން މަހްރޫމްވެފައިވާ އެތައް މިލިޔަން ބަޔަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ހަމައެއާއެކު އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ދަތުރުފަތުރުކުރުންފަދަ އަސާސީ ހައްގުތަކުން މަހްރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެ ހައްގުތައް ލިބިފައި ނެތް އެތައް ބަޔަކު، ރާއްޖޭގައި ތިބިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑް19އާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނައިރު، މުޅި ދުނިޔެ ވެސް ތައްޔާރުވަމުން އަންނަނީ ބަލީގެ ސަބަބުން ލިބެމުންދާ ސިއްހީ، އިޖުތިމާއީ އަދި އިގްތިސޯދީ ގެއްލުންތަކުން އަރައިގަންނާނެ ގޮތް ރޭވުމަށް ކަމަށެވެ.
އަދި ގައުމީ ފެންވަރުގަޔާއި ބައިނަލްއަގުވާމީ ފެންވަރުގައި އެފަދަ ރޭވުންތައް ރާވައި ތަންފީޒުކުރާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މުޖުތަމައު އިހު އޮތް އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި، ކޮވިޑް ނައްތައިލުމަށް ކުރާ މަސައްކަތުގައި، ދޭދޭ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރަންޖެހޭ ކަމަށާއި ވެކްސިނާއި ބޭސްވެސް، ފަގީރު ގައުމުތަކާއި، ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ، ހަމަހަމަ އުސޫލެއް ގާއިމުކުރެވެން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު، އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަނީ، ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ.
ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި، އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް، އަމަލުކުރަމުން އަންނަނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށާއި އިންސާނަކަށް ވީތީ ލިބެންޖެހޭ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދެމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޯވިޑްގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ، ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ހައްގުތައް، އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުމެވެ." ރައީސް ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް، ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް، ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ، މިހާރު އެކުލަވައިލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު އެންމެންވެސް ތިބީ، އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށާއި މިއީ އާއިލާގެ މެންބަރުންގެ މެދުގައިވެސް، އެކަކު އަނެކަކަށް އޯގާތެރިވުމަށް ހާއްސަ އިސްކަމެއް ދޭންޖެހިފައިވާ ދުވަސްވަރެއް ކަމަށެވެ.
އަދި ކޮވިޑްގެ ސަބަބުން އާއިލާތަކަށާއި މުޖުތަމައަށް ކުރިމަތިވެފައިވާ، ސިއްހީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި، އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
"މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި، ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޯވިޑްގެ ގެއްލުންތަކުން އަރައިގަތުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ." ރައީސް ވިދާޅުވިއެވެ.