ހުޅުމާލޭ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި ހުރި ބިމުގައި ކުޅިވަރަށް ހާއްސަ ތަންތަން ހެދުމަށްޓަކައި މިއަދު މޯލްޑިވިއަން ސްޕޯޓްސް ކޯޕަރޭޝަން (ސްޕޯޓްސްކޯ) އާއެކު އެއްބަސްވެއްޖެ އެވެ.

އެޗްޑީސީ އާއި ސްޕޯޓްސްކޯއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝުހައިލް އަހުމަދެވެ. އަދި ސްޕޯޓްސްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދެވެ.

އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީގެ ބިންތަކުގައި ކުޅިވަރު ކުޅޭ ތަންތައް ހެދުމުގެ އިތުރުން ދެ ފަރާތުން ގުޅިގެން ކުރިއަށް ގެންދާ ކުޅިވަރާ ގުޅުންހުރި އެކި ދިރާސާތަކާއި ޑޭޓާތައް ދެފަރާތުން ހިއްސާކުރުމުގެ މަސައްކަތް ކުރާނެ އެވެ. އޭގެ އިތުރުން ކުޅިވަރުކުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޕްރޮގްރާމް ހިންގުމާއި ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައެޅުންވެސް ހިމެނެ އެވެ.

އެ އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރެވެ.

ސްޕޯޓްސްކޯ އިން ބުނީ އެ އެއްބަސްވުމުގެ ސަބަބުން ތަފާސްހިސާބުތަކުގެ އަލީގައި ރާއްޖެ ސަރަހައްދަށް މިހާރަށްވުރެ ތަނަވަސް ގޮތެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވި، އެކަށީގެންވާ ކުޅިވަރުކުޅޭނެ ވަސީލަތްތައް އިތުރަށް ތަރައްގީކުރެވިގެންދާނެ އެވެ.

ކުޅިވަރު ފެސިލިޓީތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ލިބި ޒަމާނީ ކުޅިވަރު ފެސިލިޓީތައް ގާއިމުވެގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.