10 Dec 2020, 14:49
ނިއުދިއްލީ (ޑިސެމްބަރު 10) : އިންޑިއާއިން ފެނުނު ގޮތްނޭންގޭ ބަލީގެ އަސްލަކީ ބައެއް މައުދަންތަކާ ގުޅިފައިވާ ވިހަ ކަމަށް އެގައުމުން ބުނެފިއެވެ.
އިންޑިއާގެ އަންދްރާ ޕްރަދޭޝްގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނިގޮތުގައި އެ ސްޓޭޓުން ބަލިވި މީހުންގެ ހަށިގަނޑުގައި ލީޑް އާއި ނިކްލް ފަދަ މައުދަންތައް އާދަޔާ ޚިލާފަށް ގިނަކަން މެޑިކަލް ޓެސްޓްތަކުން ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން ބެލެވިފައިވަނީ މިއީ ބައްޔަކާ ގުޅިގެން ދިމާވި މައްސަލައެެއް ނޫންކަމާއި މިއީ ބައެއް މައުދަންތަށް ހަށިގަނޑަށް ވަދެ ހަށިގަނޑުގައި ވިހަ އިތުރުވުމުގެ ސަބަބުން ކުރިމަތިވި މައްސަލައެއް ކަމުގައެވެ.
އަންދްރާ ޕްރަދޭޝްގެ އިތުރުން އުއްތުރަ ޕަރްދޭޝްގެ އެލޫރު ސިޓީންވެސްވަނީ ގޮތްނޭންގޭ މި ބަލީގެ ހާލަތްތަކެއް ފެނިފައެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހޮޑުލެވުމާއި ހޭނެތުމާއި ބޯ އެނބުރުމާއި ލޯކެރުން ފަދަ ކަންކަން ހިމެނެއެވެ. މި ބައްޔާ ގުޅިގެން އެޑްމިޓްކުރި ގިނަ މީހުން މިހާރުވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ.
އަންދްރާ ޕްރަދޭޝްގެ ސިއްޙަތާބެހޭ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި މިއީ ދުމުގެ ސަބަބުން ނޫނީ ފެނުގެ ސަބަބުން ކުރިމަތިވި މައްސަލައަކަށްވުން އެކަށީގެންވެއެވެ. ނަމަވެސް ފެނުގައި މައްސަލައެއް ނޫޅޭކަން ސާމްޕަލް ޓެސްޓްތަކުންވަނީ ހާމަވެފައެވެ.
އިންޑިއާއިން ފެނުނު ގޮތްނޭންގޭ މި ބަލީގެ އަސްލަކީ ކޮވިޑް ކަމަށްވެސް ކުރިން ޝައްކު ކުރެވުނެވެ. ނަމަވެސް ޓެސްޓްތަށް ހެދުމުން އެމީހުންނަށް ކޮވިޑް ޖެހިފައިނުވާކަންވަނީ ހާމަވެފައެވެ. (އިންޑިއާގެ ނޫސްތައް)