މިދިޔަ އަންގާރަ ދުވަހު ކާރެއްގެ ޑިކީގެ ތެރެއިން ފުލުހުން އަތުލައިގަތް ހެރޮއިންތައް ރާއްޖެ އެތެރެކޮށްފައި ވަނީ ކަންނެލި މަސްދޯންޏަކުން ކަމަށް ފުލުހުން ބުނެފި އެވެ.

ޖުމްލަ 72 ކިލޯގެ ހެރޮއިން އަތުލައިގަތް އިރު 10 މީހަކު އެ އޮޕަރޭޝަންގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެވެ. އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ؛

1- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު، 32އ

2- ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް، 28 އ

3- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުޙްމަދު ނަސީރު، 38އ

4- ކ. މާލެ / މއ. ކަނޑޫގެ، ޢަލީ އަހުމަދު، 37އ

5- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް، 27އ

6- ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް، 26އ

7- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް، 34އ

8- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުގާން 33އ

9- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުޙައްމަދު ވަޖީހު، 35އ

10- ރ. ރަސްގެތީމު / ފީރޯޒްގެ، އަޙްމަދު ޝިނާން، 30އ

ފުލުހުން ބުނީ މި މީހުންގެ ތެރެއިން އިރުފާން ތަގިއްޔު އާއި މުހައްމަދު ވިޝާމް އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްތިބި ދެ މީހުން ކަމަށެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ހިންގަމުންދިޔަ އޮޕަރޭޝަނުގައި ފުލުހުން ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ގޮސްފައިވާ ކަމަށާއި އެގޮތުން ހަރަކާތްތެރިވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު އަށް ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

އޮޕަރޭޝަނުގައި އެ 10 މީހުން ހައްޔަރުކޮށް، މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށް، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްގެން ބަލައި ފާސްކުރި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި ދެމީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަދި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދު ފަހަރުތަކުގެ ވެރިފަރާތަށް އޮޅުވާލައިގެން އުޅަނދުފަހަރު ބޭނުންކުރަމުންދާކަން ފާހަގަކުރެވޭތީ، ކަނޑު އުޅަނދުފަހަރު އަދި އެއްގަމު އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.