ޝާޚްތަރް ޑޮނެސްކްގެ ބްރެޒިލް ފޯވާޑް ވިލިއަން ހޯދުމަށް ޗެލްސީ އިން ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކަ އެކުލަބުގެ ކޯޗް އަންދުރޭ ވިޔަސް ބޮއަސް ދޮގުކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ވިލިއަން ހޯދުމަށް މިސީޒަން ފެށުމުގެ ކުރިން އެންމެ ބޮޑަށް މަސައްކަތް ކުރި ޓީމަކީ އާސެނަލް އިންނެވެ. މިސީޒަން ފެށުނު އިރު، އާސެނަލްގެ އެންމެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ސާމިރް ނަސްރީ އާއި ސެސް ފެބްރިގާސް އެކުލަބު ދޫކޮށް ދިއުމުން ހޯދުމަށް މަސައްކަތްކުރި ކުޅުންތެރިންގެ ލިސްޓުގައި ކުރީގައި ވިލިއަންގެ ނަންވެސް ހިމެނެއެވެ.

"ވިލިއަން އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ނަމަވެސް އަހަރެމެން އޭނާ ހޯދިޔަސް، އޭނާ އަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލޭނެ. އަހަރެމެން މިހާރު މިބަލަނީ ހުރިހާ މުބާރާތެއް ކުޅުމުގެ ފުރުސަތު ލިބިފައިވާ ކުޅުންތެރިންތަކެއް ހޯދޭތޯ." ވިޔަސް ބޮއަސް ބުންޏެވެ.

ޖެނުއަރީ ޓްރާންސްފާ ގައި ހޯދުނު އެންމެ ކުޅުންތެރިޔަކާ އެކު ޗެލްސީގެ ކޯޗު ވިޔަސް ބޮއަސް ފެންނަނީ ވަރަށް ހަމަޖެހިގެން ހުރި މަންޒަރެވެ. ޗެލްސީ އާއި އަލަށް ގުޅުނު ގޭރީ ކަހިލްގެ ކުޅުން ކިޔުޕީއާރު އާއި ދެކޮޅަށް ޗެލްސީ ކުޅޭ ޕްރެމިއާ ލީގު މެޗުގައި ފެނިދާނެ ކަމަށް ވެސް ވިޔަސް ބޮއަސް ބުނެފައިވެ އެވެ.

"ކަހިލް އާއި އެކު ޗެލްސީގެ ޑިފެންސް ލައިން ޑިޕާޓްމަންޓް ވަނީ ވަރުގަދަ ވެފައި. އަދި އެ ޑިޕާޓްމަންޓަކީ މިހާރު ވަރަށް ވާދަވެރި ޑިޕާޓްމަންޓެއް. ބްރަނިސްލާވް އިވަނޮވިޗް ވެސް މިހާރު އެބަހުރި. އިވަނޮވިޗް އަކީ ވައަތު ފަޅިން ފަހަތަށް ކުޅެވޭނެ ކުޅުންތެރިއެއް. އަދި އޭނާ އަށް އެންމެ ފަހަތަށް ވެސް ކުޅެވިދާނެ. ކިޔުޕީއާރު އާއި ދެކޮޅަށް ކުޅޭ މެޗުގައި ކަހިލްގެ ކުޅުން ފެނުން ގާތް." ވިޔަސް ބޮއަސް ބުންޏެވެ.

ޗެލްސީ އާއި ވިލިއަން ގުޅިއްޖެ ނަމަ، އެޓީމުގެ ދުވަސްވީ މިޑްފީލްޑަރުންނަށާއި ފޯވަޑުންނަށް ލިބޭ ފުރުސަތުތަކަށް ހުރަސް އެޅޭނެ އެވެ. ފުރުސަތު ގެއްލުން އެންމެ ގާތީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު ފްރޭންކް ލަމްޕާޑަށެވެ.