10 Dec 2020, 13:57
ރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިން ތަމްސީލް ކުރުމަށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން މިއަދު އިފްތިތާހުކޮށްފި އެވެ. އެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ ބޭއްވީ ކަނޑުމަތީގަަ އެވެ.
ގުޅީ ފަޅު، ފަޅުތެރޭ ބޭއްވި މި ޖަލްސާގައި އެ ޔޫނިއަންގެ ރައީސް އާއި ނައިބު ރައީސް އަދި ޖެނެރަލް ސެކްރެޓަރީގެ އިތުރުން ހިންގާ ކޮމެޓީ އަށް މެންބަރުން ހޮވާފައިވެ އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސަކަށް އިންތިހާބުކޮށްފައިވަނީ ހުސައިން ނަޝީދެވެ. ނައިބު ރައީސަކަށް ފުޓްބޯޅަ ލެޖެންޑް ގައުމީ ޓީމްގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު އިންތިހާބުކޮށްފައިވާއިރު ޖެނެރަލް ސެކްރެޓަރީ އަކަށް އިންތިހާބުކޮށްފައިވަނީ މުހައްމަދު ނާޒިމް އެވެ.

ޔޫނިއަންގެެ ރައީސް، ނަޝީދު ވިދާޅުވީ ޔޫނިއަންގެ މެންބަރުންގެ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނާއި ދޯނިތައް ބައިވެރިވެފައިވާ ކަމަށެވެ. މެންބާޝިޕް އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަންވެސް އެނާ ފާހަގަ ކުރެއްވި އެވެ.
"މިއަދު މި ބޭއްވީ އިފްތިތާހި ޖަލްސާ. ގުޅިފަޅުގައި ބޭއްވި މި ޖަލްސާގައި 75 ދޯނިން ގާތްގަނޑަކަށް 1500 އެއްހައި މެންބަރުން ބައިވެރިވި. ޔޫނިއަންގެ މެންބަރުންގެ ވޯޓާއެކު ހިންގާ ކޮމެޓީ މިއަދު ހޮވާފައިވަނީ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެބްރުއަރީ މަހު އުފެއްދި ޔޫނިއަން އިން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެ މަސައްކަތުގެ ދަށުން މީގެ ކުރިންވެސް ސަރުކަރުގެ އިދާރާތަކާ މަސް ގަންނަ ކުންފުނިތައް އަދި ރައްޔިތުންގެ މަޖިލީހާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި، ޔޫނިއަން ރަސްމީކޮށް އިފްތިތާހު ކުރުމާ އެކު ޔޫނިއަންގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޔޫނިއަންގެ އިފްތިތާހީ ޖަލްސާއަށްފަހު، މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޮޑުކަންނެލި މަސްވެރިކަން ކުރުމުގައި ބޭނުންކުރާ ދޯނިތައް ދައްކައިލުމަށް މާލޭ ބޭރުން ދޯނިތަކުގެ ރެލީ އެއް ބާއްވަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ ކަނޑުމަތީ ބޭއްވުން -- ފޮޓޯ: ސޯޝަލް މީޑިއާ
"ދޯނިތައް ދައްކާލަން މާލެ ވަށާ ބުރެއް ޖަހާލަން ނިންމާފައިވަނީ،" ޔޫނިއަންގެ ރައީސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ސަރުކާރާއި މަސްގަންނަ ކުންފުނިތައް އަދި އިންޓަނޭޝަނަލް ޕާޓީ ތަކާއެކުވެސް މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށާއި ބޮޑުކަންނެލި މަސް ބަންދުކުރާނެ ފެކްޓްރީތައް ގާއިމް ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގައި ބޮޑުކަންނެލި މަސްވެރިކަން ކުރާ ހުރިހާ މަސްވެރިންވެސް މިތިބީ އެއް ރޫހެއްގައި. ހުރިހާ ހިސާބެއްގައިވެސް މެންބަރުން އެބަތިބި. ކުރިއަށް އޮތްތަނުގައިވެސް މެންބަރުން އިތުރުވާނެ،" ނަޝީދު ވިދާޅުވި އެވެ.