އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އާންމުންނަށް ކޮވިޑް ވެކްސިން ދޭން ފެށޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން އަދި ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު މިއަދު ނޫސްވެރިންނަށް ވިދާޅުވީ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ގުރޫޕް "ކޮވެކްސް" މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހޯދުމަށް ހުށަހެޅި އެޕްލިކޭޝަން އެ ފަރާތުން މިއަދު ބަލައިގެންފައިވާ ކަމަށެވެ. އެގޮތުުން އެ ގުރޫޕްގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނޭ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީހާ އަވަހަކަށް ވެކްސިން ގެންނަން މަސައްކަތް މި ކުރަނީ. އަޅުގަނޑުމެން ލަފާކުރަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ދިވެހިންނަށް ވެކްސިން ދޭން ފެށޭނޭ ކަމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވެކްސްގެ ތެރެއިން ރާއްޖެއަށް ލިބޭ ވެކްސިންގެ 17 ޕަސެންޓް ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާނީ 50 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުން އަދި އާންމު ހިދުމަތްތައް ދިނުމުގައި އުޅޭ ފްރޮންޓްލައިން މުވައްޒަފުންނަށް ކަމަށް ވެސް އެޗްއޯއީސީން ބުންޏެވެ.

ދެން ބާކީ ހުރި ވެކްސިން ގަތުމަށް އެހެން ގައުމުތަކާ ވެސް ވާހަކަ ދައްކައިގެން ކުރަމުން އަންނަ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ. އަދި ވެކްސިން ރާއްޖެ ގެންނަންވާއިރަށް ގާއިމް ކުރަން ޖެހޭ ސްޓޯރޭޖް ފެސިލިޓީތަކާއި ރަށްރަށަށް ވެކްސިން ގެންދިޔުމުގެ މަސައްކަތަށް ވެސް ރާވަން ޖެހޭ ލޮޖިސްޓިކް ކަންކަން ރާވަމުން އަންނަ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އެ މަސައްކަތްތައް ވަރަށް ބާރަށް އެބަ ދޭ. ވެކްސިން އަންނަންވާއިރަށް އިރާދަކުރެއްވިޔާ އެކަންކަން ހުންނާނީ ހަމަޖެހިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެކްސިން ދޭ މީހުންގެ ޑޭޓާތައް އެއް ނިޒާމަކަށް ރެކޯޑްކޮށް އެ މީހުންގެ ހާލަތު ބެލޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެއަށް ގެންނާނީ ކޮން ކުންފުންޏަކުން އުފައްދާ ވެކްސިނެއް ކަމެއް އަދި ނުނިންމާ ކަމަށް ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް ރާއްޖެ ގެންނާނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ރައްކާތެރި ކަމަށް ވެކްސިންތައް ކަމަށް ވެސް ވިދާޅުވި އެވެ.

ވެކްސިންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތައް ފަތުރާތީ ނަޒްލާ ވަނީ އެކަމާ ވެސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ވިދާޅުވީ ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ދޭނީ އެންމެ ރައްކާތެރި ވެކްސިން ކަމަށެވެ. އަދި ވެކްސިނާ މެދު ޝައްކު ނުއުފެއްދުމަށް ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.