ވޮޝިންޓަން (ޑިސެމްބަރު 10): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންގެ ދަރިކަލުން ހަންޓާ ބައިޑެންއާ ގުޅުން ހުރި ޓެކްސް މައްސަލައެއްގެ ފެޑެރަލް ތަހުގީގެއް ފަށައިފި އެވެ.

ހަންޓާ ބައިޑެން ވިދާޅުވި ގޮތުގައި ޑެލަވެޔާ ސްޓޭޓުގެ ފެޑެރަލް ޕްރޮސެކިއުޓަރުން އޭނާގެ މައްސަލައެއް ބައްލަވާކަން އެނގިލެއްވީ އޭނާގެ ވަކީލުގެ ފަރާތުންނެވެ. އަދި ވަކީލާ އެ މައުލޫމާތު ހިއްސާ ކުރީ ޔޫއެސް އެޓާނީސް އޮފީހުންނެވެ.

ބައިޑެން ވިދާޅުވި ގޮތުގައި އޭނާ އެ ތަހުގީގު ވަރަށް ސީރިއަސްކޮށް ނަންގަވަ އެވެ. އަދި އޭނާ އަމަލު ކުރެއްވީ ގާނޫނާ އެއްގޮތަށްކަން ތަހުގީގުން ހާމަ ވާނެކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިކަން ވަރަށް ސީރިއަސްކޮށް ނަގަން އަދި މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި ޕްރޮފެޝަނަލްކޮށް ތަހުގީގު ކުރުމުން، އަޅުގަނޑުގެ [ޓެކްސްގެ] ކަންތައްތައް ކުރިއަށްގެންދިޔައީ ގާނޫނާ އެއްގޮތަށްކަން އެނގިގެންދާނެ ކަމުގެ އިތުބާރު އެބައޮތް،" ބައިޑެން ވިދާޅުވި އެވެ.

އެ ތަހުގީގާ ބެހޭ އިތުރު ތަފްސީލެއް ބައިޑެން ނުދެއްވަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ކެމްޕޭނުން ވަނީ ހަންޓާ ބައިޑެންއާ ދެކޮޅަށް ތަކުރާރުކޮށް ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފަ އެވެ. އަދި ޖޯ ބައިޑެން ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރު ހަންޓާ ބައިޑެން ޔޫކްރެއިންގައި ކުރެއްވި މަސައްކަތްތައް ތަހުގީގު ކުރަން ޓްރަމްޕް، ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކުރެއްވި އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އެމެރިކާގެ ކޮންގްރެސްގެ ތިރީގެއިން ޓްރަމްޕް އަޒުލު ކުރި ސަބަބުތަކުގެ ތެރޭގައި އެ މައްސަލަ ހިމެނެ އެވެ. ނަމަވެސް ރިޕަބްލިކަން މެޖޯރިޓީ އޮންނަ ސެނެޓުން ޓްރަމްޕް މަގާމުން ދުރު ކުރުމަށް ދެކޮޅު ހެދި އެވެ.

އޭގެ ފަހުންވެސް ޓްރަމްޕް އާއި އޭނާގެ ވަކީލު ރޫޑީ ޖޫލިއާނީ ވަނީ ހަންޓާ ބައިޑެންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ. އަދި ރިޔާސީ ކެމްޕޭނުގެ ފަހު ދުވަސްކޮޅު ޖޫލިއާނީ ވަނީ ބައިޑެންއަށް ނިސްބަތްވާ ލެޕްޓޮޕަކުން، ބޭރު ގައުމުތަކުގައި އޭނާ ކުރައްވާ ވިޔަފާރިއާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖޯ ބައިޑެން ނައިބު ރައީސްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ހަންޓާ ބައިޑެން ޔޫކްރެއިންގައި ކުރެއްވި ވިޔަފާރިއަށް މަންފާވާ ގޮތަށް އެމެރިކާގެ ސިޔާސަތުތައް ހެދި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އެމެރިކާގައި މިދިޔަ މަހުގެ ތިނެއްގައިވާ ބޭއްވި އިންތިހާބު ބައިޑެން ކާމިޔާބު ކުރެއްވުމުން ޓްރަމްޕް ވަނީ ބަލި ގަބޫލު ކުރައްވަން ދެކޮޅު ހައްދަވާފަ އެވެ. އަދި އެ ނަތީޖާއާ ދެކޮޅަށް ބައެއް ސްޓޭޓުތަކުގައި ޓްރަމްޕްގެ ކެމްޕޭނުން ކޯޓަށް މައްސަލަތައް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކާމިޔާބުވެފައި ނުވެ އެވެ.