10 Dec 2020, 11:59
މަސްވެރިކަން އިތުރަށް ފުޅާކޮށް، އިގްތިސޯދަށް ދިރުން ގެނައުމަށް މަސްވެރިންނާއި މަސްވެރި އާއިލާތަކުން ނަގާ ކޮންމެ އިސްނެގުމަކަށް ސަރުކާރުން މަރުހަބާ ކިޔާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ވިދާޅުވީ މަސްވެރިކަން މިހާރަށްވުރެ ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތެރިކަން ސިންދަފާތުކުރުމުގައި، އެންމެ ބޮޑަށް ބޭނުންވަނީ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއި އިސްނެގުން ކަމަށެވެ.
މިފަދަ ކަންތަކަށް ސަރުކާރަށް ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ގައުމީ ފެންވަރުގައި މަސްވެރިންގެ ދުުވަހެއް ފާހަގަކުރަން ފެށީ، މަސްވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންގެ ގަދަރާއި އިއްޒަތް ހިފެހެއްޓުމަށް ކަމަށެވެ. އަދި ގައުމުގެ އިގްތިސޯދުގައި މަސްވެރިކަމުގެ ހިއްސާ އިތުރުކޮށް މަސްވެރިންނަށް ހިތްވަރުދީ، ޒުވާނުންގެ ޝައުގުވެރިކަން އެ މަސައްކަތަށް އިތުރު ކުރުމަކީވެސް މަގުސަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޓޫރިޒަމް ސިނާއަތަށް އައި ހުއްޓުމާއެކު މަސްވެރިކަމުގެ ސިނާޢަތަށްވެސް ބޮޑު ގެއްލުމެއް ކުރިމަތިވިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އި. ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓިގެންދިޔަ،" ރައީސް ވިދާޅުވިއެެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމުން އެނގިގެން ދިޔައީ، ރާއްޖެފަދަ ވަސީލަތްތައް މަދު ގައުމެއްގައި، އެއް ސިނާޢަތެއްގެ މައްޗަށް މުޅި އިގްތިސޯދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަން ކަމަށެވެ.
"ކޮވިޑްގެ އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް، ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށާފައިވާ މިދަނޑިވަޅުގައި، މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަން، ވަކިން ހާއްސަކޮށް ފާހަގަ ކުރެވޭ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއްވާ ސިނާޢަތަކީ ފަތުރުވެރިކަންނަމަވެސް، ކޮވިޑްގެ ފުރަބަންދު ތެރޭގައި މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިގްތިސޯދީ ދެވަނަ ސިނާޢަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
"ނަމަވެސް ދުނިޔެއަށް އަންނަ އިގްތިސޯދީ އަދި ސިއްހީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށް، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސޯދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަން،"
ރައީސް ވިދާޅުވީ މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް އަންނަ އަހަރު ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
އެގޮތުން އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އާ ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެ ކަމަށާއި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި މަސް ކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްވެސް، ފެށޭނެ ކަމަށައި މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫއުތަކެއް، އަންނަ އަހަރުގެ ތެރޭގައި ފަށަން ތައްޔާރުވެފައިވަކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުހާނާ އިތުރަށް ތަރައްގީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3،050 ޓަނުން 8،000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށައި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ގާއިމުކުރަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
އެ މަޝްރޫއުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.