އިޓަލީ ކުލަބެއްގައި ހުރެ އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔާގެ ޝަރަފު ލިބުމުން އުފާކުރާ ކަމަށް އޭއެސް ރޯމާގެ އިޓަލީ ފޯވާޑް ފްރެންޗެސްކޯ ޓޮޓީ ބުނެފި އެވެ.

އިޓަލީ ކުލަބަކަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިއެއްގެ ގޮތުގައި ކުރިން ހުރީ އޭސީ މިލާންގެ ކުރީގެ ތަރި ގަނާ ނޯޑާލް އެވެ. މިދިޔަ ހޮނިހިރު ދުވަހު ސެސެނާ އާއި ދެކޮޅަށް ރޯމާ ކުޅުނު މެޗުގައި ކާމިޔާބު ކުރި ދެލަނޑާއި އެކު، ޓޮޓީ ވަނީ ނޯޑާލްގެ ރެކޯޑް ބިންދާލާފަ އެވެ.

"އަހަރެން އަބަދުވެސް މިރެކޯޑު ބިންދާލަން ބޭނުންވި. އަބަދުވެސް މިޖޯޒީގައި ހުރެ ގިނަ ރެކޯޑުތަކެއް ހަދަން. މިކަމާ މެދު އަހަރެން ފަހުރުވެރިވަން. މިދެ ގޯލު އަހަރެން ހަދިޔާކުރަން ބޭނުމީ އަހަރެންގެ ދައްތަ އަށް. އެއީ މީގެ ހަތަރު ދުވަސް ކުރިން އަހަރެންގެ ދައްތައަށް ދަރިއެއް ލިބިފައިވުމުން." ޓޮޓީ ބުންޏެވެ.

ރޯމާ ގައި މުޅި ފުޓުބޯޅަ ކެރިޔަރު ހޭދަކުރަމުންދާ ޓޮޓީ މިހާތަނަށް އެޓީމަށް ކުޅުނު 486 މެޗުން ވަނީ 211 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އިޓަލީ ލީގުގައި ސެސެނާ އާއި ދެކޮޅަށް ކުޅުނު މެޗުން 5-1 ލަނޑުން ރޯމާ މޮޅުވުމުން، އެކުލަބު ވަނީ އިޓަލީ ލީގުގެ ހަވަނަ އަށް ޖެހިލާފަ އެވެ.