ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިސްތަންބޫލް ބަޝަކްޝެހީރް ކޮޅަށް ދެ ގޯލު ޖަހައި ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބާއްޕޭ ބާސެލޯނާގެ ލިއޮނެލް މެސީ ހަދާފައިވާ ރެކޯޑެއް މުގުރާލައިފި އެވެ.

މެޗުގެ ހަތަރުވަނަ ރެފްރީ ނަސްލީ ތަފާތު ކުރި މައްސަލައިގައި 14 ވަނަ މިނަޓު މެޗު ހުއްޓާލުމަށްފަހު ޕީއެސްޖީއާއި ބަޝަކްޝެހީރް މެޗު ރޭ އަލުން ކުޅުނު އިރު، ޕީއެސްޖީން އެ މެޗު ކާމިޔާބު ކުރީ 1-5 ގެ ބޮޑު ތަފާތަކުންނެވެ. ކުރީ ސީޒަނުގެ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވި ޕީއެސްޖީން އެ މެޗުން ލިބުނު ކާމިޔާބީއާ އެކު ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރި އިރު، އެ މެޗުގައި ނޭމާއާއި އެމްބާއްޕޭ ވަނީ ތަފާތު ދައްކައިފަ އެވެ.

ފުރަތަަމަ ހާފުގައި ނޭމާގެ ދެ ލަނޑުން ޕީއެސްޖީ ލީޑު ނަގާފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީން ތިންވަނަ ގޯލު ޖަހައިދިނީ އެމްބާއްޕޭ އެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި މުބާރާތުގައި ގޯލެއް ޖެހި އެމްބާއްޕޭއަށް މި ގޯލާ އެކު ވަނީ ރެކޯޑެއް ގާއިމު ކުރެވިފަ އެވެ.

އުމުރުން 21 އަހަރާއި 355 ދުވަސްވީ އެމްބާއްޕޭ އެ ގޯލާ އެކު މުބާރާތުގެ 20 ވަނަ ގޯލު ހަމަ ކުރި އިރު، އޭނާ ވަނީ އެންމެ ޒުވާން އުމުރެއްގައި އެ އަދަދަށް ގޯލު ހަމަކުރި ކުޅުންތެރިޔާއަށް ވެފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިހާރު 118 ގޯލު އެ މުބާރާތުގައި ހަމަކޮށްފައިވާ މެސީ 20 ގޯލު ހަމަވީ އޭނާގެ އުމުރުން 22 އަހަރާއި 266 ދުވަހުންނެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގައި ނޭމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު، އޭނާ ވެސް ވަނީ މުބާރާތުގެ ރެކޯޑެއް ގާއިމު ކޮށްފަ އެވެ. ޕީއެސްޖީއަށް 20 ގޯލު ހަމަކޮށް ނޭމާ ވަނީ ދެ ކުލަބަކަށް ކުޅެ 20 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ. ނޭމާ ކުރިން ވަނީ ބާސެލޯނާއަށް ކުޅުނު އިރު ވެސް މި މުބާރާތުގައި 20 ގޯލު ޖަހައިފަ އެވެ.

ޕީއެސްޖީން ޖެހި ފަހު ގޯލަކީ އެމްބާއްޕޭ ކާމިޔާބު ކުރި ގޯލެކެވެ.