ފިލްމު "ޒީރޯ" އަށް ފަހު، ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދާ ފިލްމު "އަތުރަންގީ ރޭ"ގެ ޝޫޓިން މެދުކެނޑުމަކަށް ފަހު އަލުން ފަށައިފި އެވެ.

ކޮވިޑްގެ ސަބަބުން އެއްވެސް މަސައްކަތެއް ނުކުރެވި މެދުކެނޑިފައި އޮތުމަށް ފަހު މި ފިލްމުގެ ޝޫޓިން ފެށިއިރު މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ވަނީ ލޮކްޑައުންވުމުގެ ކުރިން ނިންމާލާފަ އެވެ. އަންނަ އަހަރުގެ ލޯބިވެރިންގެ ދުވަހު ފިލްމު ތިއޭޓަރުތަކުގައި އަޅުވަން އަމާޒު ހިފައިފައިވާއިރު ފިލްމުގެ ޝޫޓިން މަދުރާއީ، ދިއްލީ އަދި މުމްބާއީގައި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

އަކްޝޭ ކުމާރުއާއި ސާރާ އަލީ ހާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ދެކުނުގެ އެކްޓަރު ދަނޫޝް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ އެ ފިލްމުން ސާރާ ފެނިގެންދާނީ ޑަބަލް ރޯލުންނެވެ. އެ ފިލްމުގެ މިއުޒިކް ތައްޔާރުކުރާނީ ސުޝާންތުގެ "ދިލް ބޭޗާރާ"ގެ މިއުޒިކް ހަދައިދިން އޭއާރް ރަހްމާން އެވެ.