10 Dec 2020, 12:17
ޑައިރެކްޓަރު ކަޕިލް ވަރުމާ ގެނެސްދޭ ފިލްމު "އޯމް : ދަބެޓްލް ވިތިން"ގެ ޝޫޓިން ފަށައިފި އެވެ.
ކުޅަދާނަ އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ އަންހެން ލީޑަކީ ސަންޖަނާ ސާންގީ އެވެ. އަދިތްޔާގެ އުފަންދުވަހު މި ފިލްމު ރަސްމީކޮށް އިއުލާންކުރި އިރު މި ފިލްމުގެ ޕްރޮޑިއުސަރަކީ އަހްމަދު ޚާންއެވެ.
އަހްމަދުޚާން ބުނީ މި ފިލްމަކީ އަދިތްޔާ ވަރަށް ތަފާތު ވަރުގަދަ ކެރެކްޓާއަކުން ފެނިގެންދާނެ ފިލްމެއް ކަމަށާއި މި ފިލްމުގެ ޝޫޓިން އިންޑިއާއިން ބޭރުގައި ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެކްޓަރު އަދިތްޔާ އެންމެ ފަހުން ފެނިގެންދިޔައީ ދިޝާ ޕާޓްނީ އާ އެކު "މަލަންގް" އިންނެވެ. ސުޝާންތު ސިންހް ރާޖްޕުތް އާ އެކު "ދިލް ބޭޗާރާ" އިން ބޮލީވުޑަށް ނުކުތް ބަތަލާ ސަންޖަނާ އަކީ ކުރިން ބައެއް ފިލްމުތަކުގައި ކުދި ކުދި ރޯލުތައް ކުޅުނު ފަންނާނެކެވެ. ދިލް ބޭޗާރާ އަކީ އޭނާ ލީޑު ރޯލު ކުޅުނު ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ އެކްޝަން ފިލްމެކެވެ. ލޯބީގެ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ ޝޫޓިން ފެށިއިރު ދެތަރިން ވެސް އެކްޝަން މަންޒަރުތައް ކުޅުމަށް ޓްރެއިނިންތަކެއް ވަނީ ހަދައިފަ އެވެ.