24 Jan 2012, 16:50
ބްރެޒިލްގެ ސައޮ ޕައޮލޯގެ މިޑްފީލްޑަރު ލޫކަސް ހޯދުމަށް އިންޓަމިލާނުން މަސައްކަތް ކުރުމަށް އެކުލަބުގެ ބްރެޒިލް ޑިފެންޑަރު ލޫސިއޯ އިންޓަ އަށް ގޮވާލައިފި އެވެ.
ބޮޑެތި ކުލަބުތަކުން އެންމެ ބޮޑު މަސައްކަތެއް މިހާރު ކުރަމުންދަނީ ބްރެޒިލްގެ ފޯވާޑް ނޭމާ ހޯދުމަށެވެ. ނަމަވެސް ނޭމާ ވަނީ ސަންޓޯސްގެ ކޮންޓްރެކްޓް އާކޮށް، 2014 ވަނަ އަހަރާއި ހަމައަށް ކުޅުމަށް އެއްބަސްވެފަ އެވެ. ލޫކަސް އަކީ ނޭމާ އެކޭ އެއްފަދަ އިން ބްރެޒިލް ގައުމީ ޓީމުގައި ނަން ވިދަމުން އަންނަ ކުޅުންތެރިއެކެވެ.
"ލޫކަސް އަކީ ޓްރެއިންގް ގައި ބުރަ މަސައްކަތެއް ކުރާ މޮޅު ކުޅުންތެރިއެއް. އަހަރެން ލޫކަސް ވަރަށް ރަނގަޅަށް ދަންނަން. އިންޓަ އިން ވެސް ލޫކަސް ހޯދުމަށް މަސައްކަތް ކުރުން މުހިންމު. ލޫކަސް އަކީ ނޭމާ އަށް ވުރެ ޔޫރަޕްގެ ކުޅުމަށް އަވަހަށް ހޭނޭނެ ކުޅުންތެރިއެއް." ލޫސިއޯ ބުންޏެވެ.
އިންޓަ އަށް ކުޅުމަށް ފަހު، ކެރިޔަރު ނިންމާލަން ބޭނުމީ ބްރެޒިލް ޓީމަކަށް ކުޅުމަށް ފަހު ކަމަށް ލޫސިއޯ ބުނެފައިވެ އެވެ. އަދި ކެރިޔަރުގައި ލިބުނު ކާމިޔާބީތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަށް ފަހުރުވެރުވާ ކަމަށް ވެސް ލޫސިއޯ ބުނެފައިވެ އެވެ.
"އިންޓަ އަށް ކުޅުމަށް ފަހު، ކެރިޔަރު ނިންމާލަން ބޭނުމީ ބްރެޒިލްގައި ހުރެ. އެހެންކަމުން އިންޓަ އަށް ކުޅުމަށް ފަހު، ދެން ފެނުން އެންމެ ގާތީ ބްރެޒިލްގެ ކުލަބަކުން. އަހަރެންގެ ފުޓުބޯޅަ ކެރިޔަރުގައި ހޯދުނު ކާމިޔާބީތަކާއި މެދު ހިތްހަމަޖެހޭ. އަދި އެކާމިޔާބީތަކާއި މެދު އަހަރެން ފަހުރުވެރިވަން." ލޫސިއޯ ބުންޏެވެ.