10 Dec 2020, 10:12
އަހަރު ނިމުމާ ގާތްވުމާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ސާޗް އިންޖިން ކަމަށްވާ ގޫގަލް އިން އެންމެ ގިނަ ބަޔަކު ހޯދާފައިވާ ތަކެތީގެ މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ. މިއަހަރުގެ ގޮތުން އެންމެ ގިނަ ބަޔަކު ސާޗް ކޮށްފައިވަނީ "ޒޫމް" އާއި "ކޮރޯނާވައިރަސް"ގެ އިތުރުން އެމެރިކާގެ އިންތިހާބު ކަމަށް ދައްކައިފި އެވެ.
ގޫގަލް އިން މިއަހަރުގެ ރިވިއު އާންމުކުރަމުން ބުނެފައިވަނީ މިއަހަރަކީ ފުދޭވަރަކަށް ޑިޕްރެސިން އަހަރެއް ކަމަށެވެ. އެގޮތުން ބޮޑެތި ބަލިމަޑުކަމުން މުޅި ދުނިޔެ އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު އެތައް ބައެއްގެ ލޯބި ހޯދާފައިވާ ތަރީންތަކެއް ވަނީ ދުނިޔެ ދޫކޮށް ގޮސްފައި ކަމަށް ގޫގަލް އިން ބުނެ އެވެ.
ގޫގަލް އިން ހާމަކޮށްފައިވާގޮތުގައި ދުނިޔެ ދޫކޮށް ދިޔަ ތަރީންގެ ތެރެއިން ކޯބީ ބްރާޔަންޓް އާއި ނަޔާ ރިވޭރާގެ އިތުރުން ޗެޑްވިކް ބޯސްމަން ވަނީ ޓްރެންޑްވެފަ އެވެ.

މިއަހަރު ދުނިޔެ ދޫކޮށް ދިޔަ ތަރީން (ކ-ވ) --- ޗެޑްވިކް ބޯސްމަން، ނަޔާ ރިވޭރާ، ކޯބީ ބްރާޔަންޓް ---
ގޫގަލްގެ އެންމެ މަގުބޫލު ސާޗް ތަކުގައި ހިމެނެނީ މިއަހަރުގެ ގޮތުން އެންމެން އެކަމަކަށް ފަރިތަވެފައިވާ ނަންތަކެވެ. އެގޮތުން ކޮވިޑް-19 ވައިރަސް އާއި ޒޫމް މީޓިން ފަދަ ތަކެއްޗަށް ގިނަ ބަޔަކު ސާޗް ކޮށްފައިވާ ކަމަށް ގޫގަލް އިން ބުނެ އެވެ.
ގޫގަލް މެދުވެރިކޮށް ހޯދާފައިވާ ހަބަރުތަކަށް ބަލާނަމަ އެންމެ މަގުބޫލު ހަބަރުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ސަރުކާރުން ދިނުމަށް ހަމަޖެހިފައިިވާ "ސްޓިމިއުލަސް ޗެކް"ގެ ވާހަކަ އެވެ. އަދި އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާއިރު "އަން އެމްޕްލޯއިމެންޓް" އަކީވެސް މަގުބޫލުވި ސާޗް އެއް ކަމަށް ގޫގަލް އިން ހާމަކުރެ އެވެ.
މިއަހަރު އެންމެ ގިނަ ބަޔަކު ސާޗް ކޮށްފައިވާ ޝަހުސިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެން އާއި ކަމާލާ ހެރިސްގެ އިތުރުން ކާންޔޭ ވެސްޓް އާއި ޓޮމް ހޭންކްސް އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާނަމަ އެންމެ ގިނަ ބަޔަކު ސާޗް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ޕެރަސައިޓް" އާއި "ބްލެކް ޕެންތާ" އާއި "ސޮނިކް ދަ ހެޖްހޮގް"ގެ އިތުރުން "ލިޓްލް ވިމެން" ހިމެނެ އެވެ. ޓީވީ ޝޯތަކުގެ ކެޓަގަރީގައި އެއްވަނައިގައި އުޅެނީ ނެޓްފްލިކްސްގެ އުފެއްދުންތަކެވެ. އޭގެތެރޭގައި "ޓައިގާ ކިންގް"އާއި "ކުއީން ގެމްބިޓް" އަދި "އައުޓާ ބޭންކްސް" ހިމެނެ އެވެ.