ކެނެޑާގެ އަންހެނެއް ކަމުގައިވާ އޭޝްލީ އެންޓޯނިއޯއަށް ކޮވިޑް ޖެހިފައިވަނީ މިއަހަރުގެ މާޗްމަހުގެ ފަހުކޮޅު އެވެ. ނަމަވެސް އަދިއަދަށްދާން ދެންވެސް އޭނާދަނީ ބަލީގެ އަލާމަތްތައް ތަހައްމަލުކުރަމުންނެވެ.

އުމުރުން 35 އަހަރުގެ ކްރިމިނަލް ލޯޔަރެއް ކަމުގައިވާ އޭޝްލީ ބުނާގޮތުގައި އޭނާއަކީ އެއްވެސް އިތުރު ދާއިމީ ބައްޔެއް ހުންނަ މީހެއް ނޫނެވެ. ބޮކްސިން އާއި ކަސްރަތުގައި ގަވާއިދުން ހަރަކާތްތެރިވެ އުޅޭއިރު ބަލިޖެހުމުގެ އެއް މަސް ކުރީއްސުރެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އޭނާ ވަޒީފާވެސް އަދާކުރަމުން އައީ ގެއިންނެވެ. ނަމަވެސް ކޮވިޑް19އާ ކޮންޓެކްޓްވި ކަމަށް ބެލެވެނީ ގެޔަށް ބާޒާރު ކުރަން ގޮސް އުޅުމުގެ ތެރޭގަ އެވެ.

ކޮވިޑް ޖެހި 259 ދުވަސް މިހާރު ފާއިތުވެފައި ވާއިރު، އެންމެ ފުރަތަމަ އޭނާ ހީކުރީ މިއީ އާދައިގެ ހުމެއް ކަމަށެވެ. އެއްވެސް ވަރަކަށް ނުކެއްސާއިރު، ހަމައެކަނި ހުރި އަލާމާތްތަކަކީ ހުމާއި، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ވަރިބަލިވުންކަމަށް އޭނާ ބުނެ އެވެ.

ކުޑަ ދުވަސްކޮޅަކުން މި އަލާމާތްތައް ލުއިވި ނަމަވެސް މުޅީން ރަނގަޅެއް ނުވެ އެވެ.

މި ފާއިތުވި ނުވަ މަހުގެ ތެރޭގައި ހަތަރު ފަހަރު ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައިވާއިރު ޑޮކްޓަރުން ބުނާގޮތުގައި މިހާރު އޭޝްލީ ގައިގައި އާތްރައިޓިސް ބަލި ހުރެ އެވެ. އަދި ތެދުވުމުން ކުއްލި ގޮތަކަށް ހިތް އަވަސްވެ ހަށިގަނޑަށް ނުރައްކާވާ ހިސާބަށް ދެއެވެ. މި ދެކަމަކީވެސް ހަށިގަނޑުގައި ދިގުމުއްދަތަކަށް ކޮރޯނާ ވައިރަސް ހުރުމުން ވާކަންކަމެވެ. ނަމަވެސް މިކަމުން އެއްކޮށް އޭނާ ސަލާމަތްވާނެކަން ނުވަތަ ނޫންކަން އަދި ޑޮކްޓަރުންނަކަށް ވެސް ނޭނގެ އެވެ.

އޭޝްލީ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ މެއި މަހު އެވެ. އެއީ މާބޮޑަށް ހުންގަދަވެ، ހިޔާލީ އެއްޗެހި ފެންނަން ފެށުމުންނެވެ. ނަމަވެސް އެފަހަރު ކޮވިޑަށް ނެގެޓިވް ވުމުން އޭނާ އަނބުރާ ގެއެއް ފޮނުވާލި އެވެ.

ކޮވިޑް އެންޓި ބޮޑީ ޓެސްޓުން އޭނާ ޕޮޒިޓިވް ވީ ދެވަނަ ފަހަރަށް މާބޮޑަށް ހާލު ދެރަވެ ޖުލައި މަހު އަނެއްކާވެސް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭޝްލީ ބުނާގޮތުގައި މާބޮޑަށް ބަލިވާއިރު، ގައިގެ އަތެއް ފަޔެއް މޫނެއްގައި އިހުސާސެއްވެސް ނުހުރެ އެވެ. އަނެއްބައިފަހަރު މާބޮޑަށް ވަރުބަލިވެ ފެންވެރޭނެ ހިތްވަރެއްވެސް ނުހުރެ އެވެ.

ދިގުމުއްދަތަަށް ކޮވިޑްޖެހޭ މީހުންގެ ހާއްސަ ކޮމިއުނިޓީ ގްރޫޕްތައް ހުންނައިރު އޭޝްލީ ބުނާގޮތުން އެކި މީހުންގެ ތަޖުރިބާ އާއި ތަހައްމަލު ކުރާ ކަންކަންވެސް ތަފާތެވެ. އޭނާ ބުނާގޮތުން މިފަދަ ގްރޫޕްތަކުން ވަރަށް ބޮޑު ހިތްވަރެއް ލިބެ އެވެ.

މިއީ އޭޝްލީ އަށް އެކަނި ދިމާވާ ގޮތެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކޮވިޑް-19 ޖެހި ދިގުމުއްދަތެއް ވާންދެން ބަލިން ރަނގަޅުނުވާ އެތަށް ބަޔަކު އެބަތިއްބެވެ. އޭގެތެރޭގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެ އެވެ.