10 Dec 2020, 09:19
ބޮޑު މަސް ނުވަތަ ވޭލްގެ އާއިލާއަށް ނިސްބަތްވާ އާ ވައްތަރެއްގެ މަހެއް މެކްސިކޯގެ އިރުމަތީގައި މަސައްކަތްކުރާ ސައިންސްވެރިންތަކެއް ހޯދައިފި އެވެ. ސައިންވެރިންނަށް މި މަސް ފެނިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ތްރީ ބީކްޑް ވޭލްސްގެ އާއިލާއަށް ނިސްބަތްވާ ކަމަށް ލަފާކުރެވޭ މި ބޮޑުމަހަށް އަދި ރަސްމީ ނަމެއް ދީފައި ނުވާ އިރު މި މަސް ފެނިފައިވަނީ ސީ ޝެފާޑް ކޮންވަޒޭޝަން ސޮސައިޓީގެ ސައިންސްވެރިންނަށެވެ. އެމެރިކާގެ ބޯޑަރާއި 300 މޭލު ދުރުން މި އާ ބާވަތުގެ ބޮޑު މަސް ފެނިފައިވާކަން ހާމަކޮށްފައިވަނީ އަންގާރު ދުވަހު އެވެ.
މީގެކުރިން މިފަދަ މަހެއް ފެނިފައިނުވާކަމަށް ސައިންވެރިން ބުނާއިރު މި މަހުގެ ބަރުދަނުގައި އެއް ޓަނު ހުންނާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. އަދި ބޮޑު މިނުގައި އަހެއްގެ ސައިޒް ހުންނާނެ ކަމަށް ވެއެވެ.
މި މަހުގެ ފޮޓޯ އާއި ވީޑިއޯ މިހާރު ނަގާފައިވާ އިރު ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ މައިކްރޯފޯނެއްގެ އެހީގައި މި މަހުން ދޫކުރާ އެކޯސްޓިކް ސިގްނަލްތައް ނަގައި ތަހުލީލުތައް މިހާރުވެސް ދަނީ ކުރަމުންނެވެ.

އަލަށް ފެނުނު ބޮޑު މަހުގެ ފޮޓޯއެއް--
ބީކްޑް ވޭލްސްގެ އެހެން ވައްތަރުތަކާ ހިލާފަށްް މި މަހުގެ "ޓަސްކް" ހަށިގަނޑުގެ މުޅިން އެހެން ދިމާލެއްގައި ހުންނައިރު، މަހުން ދޫކުރި އީކޯލޮކޭޝަން ސިގްނަލަކީވެސް މިހާތަނަށް އަދި ފެނިފައިނުވާ ސިގްނަލްއެއްކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ސަރަހައްދުން މިފަދަ ތިން ބޮޑު މަސް ފެނިފައިވާއިރު ސައިންސްވެރިންގެ ޓީމުން ބުނާގޮތުގައި މި ހޯދުމަކީ މުޅި ސަޕްރައިޒެކެވެ.
މިވަގުތު މި މަސްތަކުގެ ޖެނެޓިކް ސާމްޕްލިން ނަގައި ޓެސްޓުތައް ކުރަމުން އަންނައިރު، ލިބޭ ނަތީޖާއިން މިއީ އާ ވައްތަރެއްގެ ބޮޑު މަހެއްކަން މުޅިން ޔަގީންކުރެވޭނެ އެވެ.
އެމެރިކާގެ ވޭލްސް ވެބްސައިޓްގައިވާ ގޮތުގައި މިހާތަނަށް ދުނިޔޭގައި 90 ވައްތަރެއްގެ ވޭލްސް ވަނީ ރިކޯޑު ކުރެވިފަ އެވެ. މިފަހުން ފެނުނު ތަފާތު ބޮޑު މަސް ދިރާސާކުރާ ސައިންވެރިންގެ ޓީމުން ލަފާކުރާގޮތުގައި މި މަހަކީ ދުނިޔޭގައި އިންސާނުން އުޅެން ފެށީއްސުރެ ދިރިއުޅޭ ބާވަތެއްގެ މަހެކެވެ. ނަމަވެސް އެއްވެސް ވަރަކަށް ފެނި ރިކޯޑު ކުރެވިފައި ނުވަނީ އެވެ.
ސައިންސްގެ ދުނިޔޭގައި ހޯދުނު މި އާ ހޯދުމާއިއެކު ސައިންވެރިން ބުނަނީ އަދިވެސް ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން ހޯދިފައިނުވާ އެތަކެއް މައުލޫމާތުތަކެއް ހުރިކަން މިކަމުން ވެސް ހާމަވެގެން ހިނގައްޖެ ކަމަށެވެ.