10 Dec 2020, 09:14
ތެހެރާން (ޑިސެމްބަރު 9): އީރާނުގެ އެންމެ އިސް ނިއުކްލިޔާ ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ ޕްރޮފެސަރު މުހްސިން ފަޚްރީޒާދޭގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ޕާލިމެންޓަރީ އެޑްވައިޒަރު ހުސެން އަމީރު އަބްދުލްހިއާން ވިދާޅުވެއްޖެ އެވެ.
އީރާނުގެ އަލް އަލަމް ޓީވީއަށް ދެއްވި އިންޓަަވިއުއެއްގައި އަބްދުލްހިއާން ވިދާޅުވި ގޮތުގައި ފަޚްރީޒާދޭ އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ބައިވެރިވި ބަޔަކު އެގައުމުން ވަނީ ހޯދާފަ އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކާ ހެދި އެކަމާ ބެހޭ އިތުރު ތަފްސީލު ހާމަ ކުރެވެން ނެތެވެ.
"އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކުން ވަނީ ފަޚްރީޒާދޭ އަވަހާރަކޮށްލުމުގައި ބައިވެރިވި ބައެއް މީހުން ހޯދާ ހައްޔަރުކޮށްފަ،" އަބްދުލްހިއާން ވިދާޅުވި އެވެ.
މީގެ އިތުރުން "ފަޚްރީޒާދޭ އަވަހަރާކޮށްލުމުގައި އިސްރާއީލްގެ އަތެއްވާ ކަމަށް ބައެއް ހެކިތަކުން ދޭހަވާ ކަމަށް ދެކިލައްވާ" ކަމަށްވެސް އަބްދުލްހިއާން ވިދާޅުވި އެވެ. އަދި އެ ހަމަލާ ދިނުމުގައި އިސްރާއީލަށް އެމެރިކާ ފަދަ ގައުމެއްގެ އެހީ ލިބުނުތޯވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
އީރާނުގެ އެ ތުހުމަތުތަކަށް އިސްރާއީލުގެ ސަރުކާރުން އަދި ރައްދު ދީފައި ނުވެ އެވެ.
ފަޚްރީޒާދޭ އަވަހާރަކޮށްލީ މިދިޔަ މަހުގެ 27ގައި އީރާނުގެ އަބްސަރްދު ސިޓީން ކާރުކޮޅުގައި ދަތުރު ކުރައްވަމުން ދަނިކޮށެވެ. އަދި އޭނާއަށް ހަމަލާ ދިން ގޮތާ ބެހޭ ގޮތުން އެގައުމުން ވަނީ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފަ އެވެ.
އެ ހަމަލާ ދިން ދުވަހު އީރާނުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ފަޚްރީޒާދޭ އަވަހާރަވީ އޭނާގެ ބޯޑީގާޑުންނާއި ހަތިޔާރު އަޅައިގެން ތިބި ބަޔަކާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލު ކުރި ފަހުންނެވެ. ނަމަވެސް އާދިއްތަ ދުވަހު އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރަކު ވިދާޅުވި ގޮތުގައި ފަޚްރީޒާދޭއަށް ހަމަލާ ދިނީ ސެޓެލައިޓުން ކޮންޓްރޯލް ކުރެވޭ، އާޓިފިޝަލް އިންޓެލިޖެންސް ހުންނަ މެޝިން ބަޑިއަކުންނެވެ. އަދި ޕިކަޕެއް މަތީ ބަޑި ބަހައްޓައިގެން ދިން އެ ހަމަލާގައި ފަޚްރީޒާދޭގެ ބޮލަށް އަމާޒުކޮށް ބަޑި ޖެހީ އެވެ.
އިސްރާއިލާއި ހުޅަނގުގެ ސަލާމަތީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އީރާނުގެ އޯގަނައިޒޭޝަން އޮފް ޑިފެންސިވް އިނޮވޭޝަން އެންޑް ރިސާޗް (އެސްޕީއެންޑީ)ގައި އިސްކޮށް ހުންނެވި ފަޚްރީޒާދޭ އަކީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ވަރަށް މުހިއްމު ބޭފުޅެކެވެ.
އެގޮތުން އީރާނުން ނިއުކްލިއާ ބޮމާ ބެހޭ ދިރާސާތައް ކުރުމަށް އެކުލަވާލި ކަމަށް ތުހުމަތު ކުރެވޭ ސިއްރު ޕްރޮގްރާމް، "ޕްރޮޖެކްޓް އަމަދު"ގައި އިސްކޮށް ހުންނެވީ ފަޚްރީޒާދޭ ކަމަށް އެ އޮފިޝަލުން ވިދާޅުވެ އެވެ. އަދި އެ ޕްރޮޖެކްޓު 2003 ވަނަ އަހަރު ހުއްޓާލި ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބުނި ނަމަވެސް އިސްރާއިލުން ވަނީ އެ މަޝްރޫއު އަދިވެސް ކުރިއަށްގެންދާ ކަމަށް ބުނެފަ އެވެ.
އީރާނުން ވަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނާ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.