އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ފިލް ޖޯންސް އަށް އަނިޔާގައި ހުންނަން ޖެހޭނީ މަދު ހަފްތާއެއްގައި ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ. ޖޯންސް އަށް މިފަހަރު އަނިޔާ ލިބުނީ މިދިޔަ އާދީއްތަ ދުވަހު އާސެނަލް އާއި ދެކޮޅަށް މެންޔުނައިޓެޑް ކުޅެ 2-1 ލަނޑުން މޮޅުވި ޕްރެމިއާ ލީގު މެޗުގަ އެވެ.

އުމުރުން ނަވާރަ އަހަރުގެ ޖޯންސް އަށް އެމެޗުގައި އަނިޔާވީ މެޗު ފެށިތާ ފަނަރަ މިނެޓް ވެސް ނުވަނީހެވެ. އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު އެމެޗުގައި ލިބުނު އަނިޔާ އާ ގުޅިގެން ޖޯންސް އަށް ކުޅެން ނުކުމެވޭނީ އަންނަ ފެބްރުއަރީ މަހު މެދުތެރޭގައި ކަމަށް ބެލެވެ އެވެ.

މިސީޒަނުގައި އަނިޔާގެ ސަބަބުން މެންޔުނައިޓެޑްގެ ގިނަ ތަރިންތަކެއް ކުޅުމާ ދުރުގައި ހުއްޓެވެ. މެންޔުނައިޓެޑަށް މިސީޒަނުގައި އެންމެ ގިނަ މެޗުތަކެއް ކުޅުނީ ވޭން ރޫނީ އާއި ނާނި އަދި ޕެޓްރީސޭ އެވްރާ އެވެ.

"ޖޯންސް އަށް އަނިޔާވުމަކީ އަހަރެމެންނަށް އުފާވެރި ހަބަރެއް ނޫން. އަހަރެންނަށް ހީވަނީ ޖޯންސް ގެއްލިގެންދާނީ މަދު ހަފްތާއަކަށް ހެން. ކެރިކް އަށް ވެސް ކުޑަ އަނިޔާއެއް ކުރިމަތިވެފައިވޭ." ފާގަސަން ބުންޏެވެ.

މެންޔުނައިޓެޑްގެ ކުޅުންތެރިންނަށް ދިމާވަމުންދާ އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ދާމާވެފައިވަނީ ވެސް އެޓީމުގެ ޑިފެންޑަރުންނަށެވެ. އެގޮތުން ޑިފެންޑަރު ރިއޯ ފާޑިނަންޑާއި ނަމެންޖާ ވިޑިޗް ވެސް މިހާރު ހުރީ އަނިޔާގަ އެވެ. މިޑްފީލްޑަރުންގެ ތެރޭގައި އޭޝްލީ ޔަންގް އަށާއި، ޓޮމް ކްލެވަލީ އަދި ޑެރަން ފްލެޗާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދި މީގެއިތުރުން ފޯވާޑް މައިކަލް އޮވަން ވެސް ހުރީ އަނިޔާގަ އެވެ.