ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަން ޖެހޭ ތަނެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް 3 ގެ ދަށުން ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކި ސަބަބުތަކާހުރެ ގޯސް މަގު ހިޔާރުކުރެވޭ މީހުން އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.

މިއަދު މާފުށީ ޖަލުގައި އޮތް ރަސްމިއްޔާތަށް ފަހު މިނިސްޓަރު ވަނީ ކޯސްތައް ފުރިހަމަ ކުރި ގައިދީންނާ ބައްދަލުކުރައްވައިފައެވެ.

ދަސްވެނިވި ގައިދީންނަށް މަރުހަބާ ދަންނަވަމުން މިނިސްޓަރު ވިދާޅުވީ ގައިދީން ރިހެބިލިޓޭޓްކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށެވެ. އަދި ޖަލުން ނިކުތުމަށް ފަހު، ލިބުނު ތައުލީމާއި ތަމްރީން އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފުމަށް ބާރުއެޅުއްވިއެވެ.

ޖުމްލަ 131 ގައިދީއަކު އެކި ކޯސްތަށް ފުރިހަމަކޮށްފައިވާ ވާއިރު، އެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރީ ވަގުތު ޖަލުގައި ތިބި 50 ގައިދީންނަށެވެ. އޭގެ އިތުރުން ހަޔާ ޑިސްޓިންކްޝަން ހާސިލްކުރި 18 އަންހެން ގައިދީންނަށާއި 20 ފިރިހެން ގައިދީންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ.

ރިހެބިލިޓޭޝަން ފްރޭމްވޯކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ.

އެ ފްރޭމްވޯކްގައި 4 ފޭސްއެއް އެކުލެވޭއިރު، އެއީ ގައިދީންގެ ކިބައިގައި ޑިސިޕްލިން ބިނާކުރުމާއި އެމީހުންނަށް ސައިކޮލޮޖީ ޕްރޮގްރާމްތައް ހިންގުމާއި އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން ޕްރިޒަން ކޮމިއުނިޓީ ސާވިސް އެވެ.