09 Dec 2020, 21:01
ޓެރީޖިއަމް (ލޮލަށް މަސްއެރުން) އަކީ ލޮލުގެ ހުދު ކަޅީގައި މަސްރޯވުމަށް ނުވަތަ ލޮލުގައި މަސްކޮޅެއް އުފެދުމަށް މެދުވެރިކުރުވާ ލޮލުގެ ބައްޔެކެވެ. އާންމު ގޮތެއްގައި ލޮލުގައި މަސްރޯވަނީ ނޭފަތާވީ ފަރާތުން ފެށިގެން ލޮލުގެ ކަޅު ކަޅިއާއި ދިމާލަށް ވާ ގޮތަށެވެ. މިކަމުގެ ސަބަބުން ލޯ ރަތްވުން، ފުސްވުން އަދި ހިރުވުން ފަދަ މައްސަލަތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖެފަދަ މާހައުލެއްގައި ލޮލަށް އެންމެ ގިނައިން އަސަރުކުރަނީ ހިރަފުހާއި އިރުގެ އަލީގެ ސަބަބުންނެވެ. މިފަދަ ކަންކަމަކީ މަސްރޯވުމަށް މަގުފަހިވާ ކަންތަކެވެ. ނަމަވެސް ލޮލަށް މަސްއެރުން ކުރިމަތިކުރުވާ ހަގީގީ ސަބަބެއް އަދި ހޯދިފައި ނުވެ އެވެ.
މަސްރޯވުމުގެ ފަރުވާއެއްގެ ގޮތުގައި އައި ޑްރޮޕްސް ނުވަތަ ލުބްރިކޭޓިން އޮއިންޓްމަންޓް އަދި ޔޫވީ ލައިޓުން ސަލާމަތްކޮށްދޭ ފަދަ އަވި އައިނު ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާދެއްވަ އެވެ. އަދި މިކަމުން ހައްލެއް ނުލިބި މިކަމުގެ ސަބަބުން ލޮލުގެ ފެނުމަށް ބަދަލު އައިސް ނުވަތަ ފެނުން ގެއްލޭ ގޮތް މެދުވެރިވާނަމަ ޑޮކްޓަރުން ލަފާދެއްވާނީ ޓެރީޖިއަމް ސާޖަރީއެއް (ލޮލުގައި އުފެދިފައިވާ މަސްކޮޅު ނެގުމަށްޓަކައި ކުރާ އޮޕަރޭޝަނެއް) ކުރުމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުންވަނީ މިއަހަރުގެ ފެބްރުއަރީ މަހު ޓެރީޖިއަމް އޮޕަރޭޝަންތައް ފަށައިފަ އެވެ. މި އޮޕަރޭޝަންގައި ލޮލަށް އަރާފައިވާ މަސްކޮޅު ނެގުމުގެ އިތުރުން ނެގޭ ބައި ކޮންޖަންކްޓިވަލް އޮޓޯގްރާފްޓުން (ލޮލުގެ އެހެން ބައެއްގެ ޓިޝޫ ކޮޅަކުން) ބައްދަ އެވެ. މިގޮތަށް ބެއްދުމުން ޓެރީޖިއަމްގެ މައްސަލަ އަލުން މެދުވެރިވުމުގެ ފުރުސަތު ހަނިވެގެންދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ލޮލުގެ އޮޕަރޭޝަންތައް ކުރުމަށް އެންމެ ޒަމާނީ މެޝިނަރީ ބޭނުންކޮށްގެން ލޮލުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން އަދި ހުނަރުވެރި ނަރުހުން ހިމެނޭ ޓީމެއް ހަރަކާތްތެރިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދެވޭ ލޮލުގެ ފަރުވާތަކުގެ މައުލޫމާތު 3351610އަށް ގުޅުމުން ލިބޭނެ އެވެ.