09 Dec 2020, 16:45
ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫނުގެ އަތާއި ސޯޓުން ލޭ ފެނުނު ކަމަށް މައްސަލާގައި ސިއްރުން ހެކިބަސް ދިން ހެކިވެރިޔަކު ބުނެފި އެވެ.
2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ލ. މުންޑޫ، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިއްރު ހެކިވެރިޔާ ބުނީ ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށެވެ. އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުން ކަން އެނގޭ ކަމަށް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާއަށް ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގޭގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ.
"ޒިޔަދަމް އޮތީ އައިސްއަލަމާރިއާ ދޮރާދޭތެރޭ ވެއްޓިފައި. މުޅި ގައިގައި އޮތީ ލޭ." ހެކިވެރިޔާ ހެކިބަސް ދެމުން ބުންޏެވެ.
ހެކިވެރިޔާ ބުނިގޮތުން ޒިޔަދަމް އެގޭގެ ބަދިގެއިން ނަގައިގެން ސިއްހީ މަރުކަޒާއި ހަމައަށް ގެންދިޔައިރުވެސް އޭނާ އެތަނުގައި ހުއްޓެވެ. އަދި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކޮށް ހެދި ކަމަށް ހެކިވެރިޔާ ބުންޏެވެ.
"ޝަނޫނުގެ ސޯޓުގައި އަދި އަތުގައި ލޭ ހުރިތަން ފެނުނު" ހެކިވެރިޔާ ބުންޏެވެ.
މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ސިފާމްގެ ވަކީލު ކުރި ސުވާލަކާއި ގުޅިގެން ހެކިވެރިޔާ ބުނީ އަލީ ސިފާމުގެ އަތުން އެއްވެސް ތޫނު ހަތިޔާރެއް އޭނާއަށް ނުފެންނަ ކަމަށެވެ. އެހެން ނަމަވެސް "ފެހި ކުލައިގެ މުގުރުބުރިއެއް ފެނުނު" ކަމަށް އޭނާ ބުންޏެވެ.
ޒިޔަދަމްގެ ޅިޔަނުގެ ގެއަށް ވަނުމަށް އޭނާ ދިޔައިރު އަލީ ސިފާމް ލައިގެން ހުރި ހެދުން އޭނާ އެގެއިން ނުކުމެ ދެން ފެނުނު އިރު ބަދަލުވެފައިވާ ކަމަށް ހެކިވެރިޔާ ބުންޏެވެ. ހެކިވެރިޔާ ބުނިގޮތުން ޒިޔަދަމް މަރާލާފައި އޮތް ގެއާއި އަލީ ސިފާމްގެ ގެއާ ހުންނަނީ ޖެހިގެންނެވެ.
"އަލީ ސިފާމް އެންމެ ފުރަތަމަ ފެނުނު އިރު ލައިގެން ހުރި ހެދުމެއް ނޫން ދެން ފެނުނު އިރު ލައިގެން ހުރީ" ހެކިވެރިޔާ ބުންޏެވެ.
ދައުލަތާއި ދައުވާ ލިބޭ މީހުންގެ ވަކީލުން ކުރި ބައެއް ސުވާލުތަކަށް ހެކިވެރިޔާއަށް ޖަވާބެއް ނުދެވުނެވެ. ހެކިވެރިޔާ ބުނިގޮތުން އެ މައްސަލައަށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވުމުން ބައެއް ކަންކަން ހަނދާން ނެތީ އެވެ.
އަލީ ޒިޔަދަމް މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފަ އެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭރު ޑޮކްޓަރު ވަނީ ބުނެފަ އެވެ.