09 Dec 2020, 18:34
ދާދި ފަހުން މަރުވި އާޖެންޓީނާގެ ފުޓްބޯޅަ ތަރި ޑިއޭގޯ މެރަޑޯނާގެ ފޮޓޯ އެގައުމުގެ ފައިސާގެ އާ ނޫޓްތަކުގައި ޖަހަން އާޖެންޓީނާގެ ސެނެޓަރަކު ލަފާދީފިއެވެ.
އާޖެންޓީނާއަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މެރަޑޯނާ މީގެ ދެ ހަފްތާ ކުރިން ވަނީ ހާޓް އެޓޭކްއެއް ޖެހިގެން މަރުވެފައެވެ. މަރުވިއިރު އޭނާގެ އުމުރަކީ 60 އަހަރެވެ.
އާޖެންޓީނާގެ ސެނެޓްގެ މެމްބަރު ނޯމާ ދުރަންގާ ހުށަހެޅީ އެގައުމުގެ ފައިސާގެ 1000 ނޫޓުގައި މެރަޑޯނާގެ ފޮޓޯ ޖަހާށެވެ.
އެގޮތުން ނޫޓުގެ އެއް ފަޅީގައި މެރަޑޯނާގެ މޫނުގެ ފޮޓޯއަކާއެކު އަނެއް ފަޅީގައި މެރަޑޯނާ ގޯލް ޖަހާތަން ފެންނަ ފޮޓޯއެއް ޖަހަން ވަނީ ހުށަހަޅައިފައެވެ. އެއީ 1986 ވަނަ އަހަރު މެރަޑޯނާ އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖެހުމަށް ފަހު ފެންނަ މަންޒަރެވެ.
މެރަޑޯނާ އާޖެންޓީނާއަށް ކުޅުނުއިރު 34 ގޯލް ކާމިޔާބުކޮށްދީފައި ވެއެވެ.
-- ބީބީސީ--